Advertisement

ވިއްސާރައިގަ އަސާމުން ލައްކައަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

07 Aug 2026 | 10:22
ވިއްްސާރައިގަ އަސާމުން ހާލުގައި ޖެހުނު ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަނީ --

އިންޑިއާގެ އާސާމް ސްޓޭޓަށް ކުރި ވިއްސާރައިގަ 15 ޑިސްޓްރިކްޓެއްގައި ފެން ބޮޑުވެ 168,701 މީހުންނަށް އެކި ވަރުގެ ގެއްލުންތައް ކުރިމަތިވެފައިވާ ކަމަށް އެ ސްޓޭޓުގެ ކާރިސާ މެނޭޖްމެންޓް އިދާރާ (އޭއެސްޑީއެމްއޭ) އިން ބުނެފިއެވެ.

ނުމާލީގަރްގައި އޮންނަ ދާންސިރީ (ސައުތު) ކޯރު ނުރައްކާތެރި މިންވަރަށް ވުރެ މައްޗަށް އެރިއެވެ. ނަމަވެސް މީގެ ކުރިން މިއަށްވުރެ ބޮޑަށް ވިއްސާރައިގަ ކޯރުތައް ފުރިފައިވާ ކަމަށްވެ އެވެ.

Advertisement

ފެންބޮޑުވުމުގެ އެންމެ ބޮޑު ގެއްލުން ކުރިމަތިވެފައި ވަނީ ގޮލާގާޓް ސިވާސާގަރް ޖޯރްހާޓް ޗާރައިދެއޯ ލަކީމްޕޫރް ނާގާއޮން ޑާރަންގް އަދި ބިސްވާނާތު ޑިސްޓްރިކްޓުތަކަށެވެ. އެންމެ ގިނަ ބަޔަކު ހާލުގައި ޖެހުނީ ގޮލާގާޓުންނެވެ.

އެ ޑިސްޓްރިކްޓުން 54,085 މީހުންނަށް އަސަރުކުރި އިރު ސިވާސާގަރުން 49,515 މީހުންނަށް ޖޯރްހާޓުން 27,842 މީހުންނަށް އަދި ޗާރައިދެއޯއިން 21,486 މީހުންނަށް އަސަރުކޮށްފައިވެއެވެ. ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ސިވާސާގަރް ޖޯރްހާޓް ލަކީމްޕޫރް އަދި ޗާރައިދެއޯ ޑިސްޓްރިކްޓުތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް 133 ރިލީފް ކޭމްޕާއި ތަކެތި ބެހުމުގެ މަރުކަޒު ޤާއިމުކޮށްފައިވެއެވެ. ރިލީފް ކޭމްޕުތަކުގައި 10,111 މީހުން ތިބި އިރު ޑިސްޓްރިބިއުޝަން ސެންޓަރުތައް މެދުވެރިކޮށް 35,596 މީހުންނަށް ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

މީގެ ތެރޭގައި 616 ކުއިންޓަލަށް ވުރެ ގިނަ ހަނޑޫ ގާތްގަނޑަކަށް 110 ކުއިންޓަލް މުގު ކައްކާ ތެޔޮ ޖަނަވާރުގެ ކާނާ އަދި އެ ނޫން ވެސް ޒަރޫރީ ތަކެތި ހިމެނެއެވެ.

މި ކާރިސާގައި ދެ މީހަކު މަރުވެފައިވާ އިރު އެ ދެ މީހުން ނިޔާވީ ގޮލާގާޓާއި އުޑާލްގުރީ ޑިސްޓްރިކްޓުންނެވެ. ގެއްލިގެން ހޯދާ އެއްވެސް މީހެއް ނެތެވެ. ފެންބޮޑުވުމުގެ ސަބަބުން 41,475 ޖަނަވާރަކަށް އަސަރުކޮށް 365 ގެއަކަށް ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރެއިން 40 ގެއެއް އެއްކޮށް ހަލާކުވެ 325 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

ރެސްކިއު ޚިދުމަތުގައި 93 ޓީމާއި 151 ބޯޓު ބޭނުންކޮށްގެން ސަލާމަތީ މަސައްކަތް ކުރިއަށް ގެންދާ އިރު ބޯޓުތައް މެދުވެރިކޮށް ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ފެންބޮޑުވުމުން ލިބުނު ގެއްލުން ފޫބެއްދުމާއި ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

Advertisement

ކޮމެންޓް