ހަށިގަނޑުގައި ކޮކެއިން ބުލެޓުތަކެއް ފޮރުވައިގެން އެތެރެވި ޖެމެއިކާ މީހަކު ހައްޔަރުކޮށް އެއާ ހަވާލުވާން ދިޔަ ދެ ދިވެއްސަކުވެސް ހައްޔަރު
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޖެމެއިކާ ރައްޔިތެއް ހައްޔަރުކޮށް، އެ ތަކެއްޗާ ހަވާލުވާން ދިޔަ ދެ ދިވެއްސަކުވެސް ހައްޔަރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.
ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން ނަމަކަށް ކިޔާ ފިރިހެނެކެވެ. މި މީހާ 19 ޖުލައި 2026 ވަނަ ދުވަހު ރާއްޖެ އައުމުން ކަސްޓަމްސް އިން ހުއްޓުވައި، ލަގެޖާއި ހަށިގަނޑު ސްކޭން ކުރުމުން ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވާ ކަމަށް ބެލެވިގެން ސުވާލުކުރުމުން، ހަށިގަނޑުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ކަސްޓަމްސް އިން މި މީހާ ފުލުހުންނާ ހަވާލުކުރުމުން، ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން، މީނާގެ ނަމުގައި ބުކް ކޮށްފައިވާ ބީޗް ގްރާންޑް އެންޑް ސްޕާ ޕްރިމިއަމް ހޮޓެލަށް އޭނާ ގެންދެވުނެވެ. "ގޮޑްވިން އެފްރިކަން" ޖަހާފައިވާ ބޭރު ނަންބަރަކުން ވަޓްސްއެޕް މެދުވެރިކޮށް ދެކެވުނު ވާހަކަތަކުން، 33 ބުލެޓް ބޭރުވުމުން ވަކި މީހަކާ ހަވާލުކުރުމަށާއި ބާކީ ބުލެޓުތައް އެހެން މީހަކު އައުމުން އޭނާއާ ހަވާލުކުރުމަށް އިރުޝާދު ދީފައިވެއެވެ.
އެ 33 ބުލެޓާ ހަވާލުވާން ދިވެހި ދެ ފިރިހެނަކު ދިއުމުން، ތަކެއްޗާ ހަވާލުވި ނ. ޅޮހި/ ނޯރައިޓްގެ، އިބްރާހީމް އަތޫފާއި އެ ވަގުތު އެ ތަނުގައި ހުރި އަނެއް މީހާވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ފޮރުވައިގެން އެތެރެކުރި ތަކެތި ކޮކެއިނަށް ޕޮޒިޓިވް ވެފައިވާ އިރު، ބަރުދަނުގައި 990.8 ގްރާމް ހުއްޓެވެ.
މި މައްސަލައިގައި ކޯބިންގެ ބަންދަށް 30 ދުވަސް ޖަހައިފައިވެއެވެ.