ދިވެހި އަންހެނަކު ޕެޑުގައި ރައްކާކޮށްގެން އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވި ދިވެހި ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ނިމެންދެން ބަންދަށް
ދިވެހި އަންހެނަކު ޖަހައިގެން ހުރި ޕެޑުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވި ދިވެހި ފިރިހެނަކު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ލިއޯނިސް، ކ. މާލެ، ޢަބްދުﷲ ޠާއިފް (32އ) އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން، މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު މއ. މޯނިންގވިޔު، އާމިނަތު ޝަފަޤު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެއްޗާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި، އެ ތަކެތި އެމްޕީއެލް ޓަވަރުގެ ޕާކިން ޒޯންގައި ޕާކްކޮށްފައިވާ ސައިކަލެއްގެ ޕޮކެޓަށް ލީ ފަހުން ޠާއިފް އެ ސައިކަލަށް އަރައި ސްޓާޓް ކުރި ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ސުވާލުކުރުމުން ޠާއިފަށް ޖަވާބެއް ދެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ޠާއިފް ދިރިއުޅޭ އެޕާޓްމަންޓް އޭނާގެ ހުއްދައާ އެކު ބަލައި ފާސްކުރިއިރު، ކޮޓަރީގެ އަލަމާރީގައި ހުރި ގަމީހެއްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޑިޖިޓަލް ކައްޓައަކާއި ހުސް ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
ޠާއިފް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ. މި އަމުރު ނެރުއްވީ ޤާޟީ ޢަލީ ނަދީމެވެ.