Advertisement

މުޒާހަރާތަކުގައި ހުތުރު ބަހުން މުޚާޠަބުކުރި ދަރިވަރުންނަށް މާފުކުރާ ކަމަށް މޯދީ ބުނެފި

02 Aug 2026 | 11:36
-

މިދިޔަ މަހު އިންޑިއާގައި ކުރި "ކޮކްރޯޗް" މުޒާހަރާތަކުގައި ބައިވެރިވެ އޭނާއާ ދިމާއަށް ހުތުރު ބަހުން މުޚާޠަބުކުރި ދަރިވަރުންނަށް މާފުކުރާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުނެފިއެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޝާއިޢުކުރި ވީޑިއޯއެއްގައި މޯދީ ބުނީ އެ ދަރިވަރުންނަކީ "މަގު އޮޅިފައިވާ ކުދިން" ކަމަށާއި، އެ ކުދިންނަށް ޖިނާއީ ދައުވާކޮށް އަދަބު ދިނުމުގެ ބަދަލުގައި "ރަނގަޅު މަގު ދައްކައިދިނުމަކީ" ސަރުކާރުގެ ވާޖިބެއް ކަމަށެވެ. އެ މުޒާހަރާތަކުގައި އޭނާއާއި އޭނާގެ މަންމައަށް ނިސްބަތްކޮށް "ނުބައި ހުތުރު ބަސްތައް" ބޭނުންކުރި ކަމަށާއި، "އަޅުގަނޑުމެންގެ އަންހެން ދަރީން މިފަދަ ބަހުރުވައެއް ބޭނުންކުރީމާ ސަގާފީ ގޮތުން ޝޮކެއް ލިބޭ" ކަމަށް ވެސް އޭނާ ބުންޏެވެ.

Advertisement

މޯދީގެ ތިންވަނަ ދައުރުގެ އެންމެ ބޮޑު ސިޔާސީ ކާރިސާ ފެށިގެން އައީ މެއި މަހު މުހިންމު އިމްތިހާނެއްގެ ސުވާލުތައް ލީކުވެ، ދެ މިލިއަނަށް ވުރެ ގިނަ ދަރިވަރުން އަލުން އިމްތިހާނު ހަދަން ޖެހުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ވަޒީފާ ނެތް ޒުވާނުންނާއި އެކްޓިވިސްޓުން "ކޮކްރޯޗުން" ކަމަށް ސިފަކުރުމާ ގުޅިގެން "ކޮކްރޯޗް ޖަންތާ ޕާޓީ"ގެ ނަމުގައި ފެށި އެ ހަރަކާތް ފުރަތަމަ ފެށުނީ ސޯޝަލް މީޑިއާ ކެމްޕެއިނެއްގެ ގޮތުގައި ނަމަވެސް ފަހުން އެތައް ހާސް ބައެއް ނިއު ދެއްލީއަށް ނުކުމެ ބޮޑު ހަރަކާތަކަށް ބަދަލުވީއެވެ.

ތަޢުލީމީ ވަޒީރު އިސްތިއުފާ ދެއްވުމާއި މުޒާހަރާ ބައިވެރިންނާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރާނެ ކަމުގެ ވައުދާ އެކު މުޒާހަރާތައް ނިމުމަކަށް ގެނެވުނެވެ. ނަމަވެސް، މޯދީގެ ބާރަތީޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ވެރިކަންކުރާ ސްޓޭޓުތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލީ ސަތޭކައެއްހާ މުޒާހަރާ ބައިވެރިންނަށް ދައުވާ އުފުލައިފައިވެއެވެ. އަދި މޯދީގެ ހިންދޫ ނެޝަނަލިސްޓް ސިޔާސަތަށް ތާއީދުކުރާ ފަރާތްތަކުން އަންހެން މުޒާހަރާ ބައިވެރިން، ކުޑަކުދިން ހިމެނޭ ގޮތަށް، ސޯޝަލް މީޑިއާގައި ފާޅުކޮށް ރޭޕާއި މެރުމުގެ އިންޒާރު ދީފައިވެއެވެ.

ދެއްލީ ޔުނިވާސިޓީގެ 21 އަހަރުގެ ދަރިވަރު ރާދިކާ ކުމާރު އަލް ޖަޒީރާއަށް ބުނީ "ވެރިރަށުގައި ދަރިވަރުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކަށް މޯދީ ހަނު ހުރެ، އިންސްޓަގްރާމަށް އައިސް އަމިއްލައަށް ޤުރުބާނީ ވެވުނު ފަރާތެއްގެ ސިފަ ދައްކަނީ" ކަމަށެވެ. 

އެ ހަރަކާތުން ހޯމަ ދުވަހު ބުނީ ސަރުކާރުގެ ވައުދާ ޚިލާފަށް ތަފާތު ސްޓޭޓުތަކުން "ސަތޭކައެއްހާ" ދަރިވަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ދެއްލީގެ ޤާނޫނީ ނިޒާމު ބެލެހެއްޓުމާ ޙަވާލުވެ ހުންނެވި ދާޚިލީ ވަޒީރު އަމިތު ޝާހް މަޤާމުން ދުރުކުރުމަށް ސަރުކާރަށް ބާރު އަޅަމުންނެވެ. މީގެ އިތުރުން، ދެކުނު އިންޑިއާގެ ހައިދަރުއާބާދުގައި މެޓާ އިންޑިއާގެ ވެރިޔާ އަރުން ސްރީނިވާސްއާ ދެކޮޅަށް ވެސް ފުލުހުން ދައުވާ ހުށަހެޅީ، އެ ކުންފުނީގެ ފޭސްބުކް ޕްލެޓްފޯމުގައި މޯދީއާ ބެހޭ ގޮތުން "ހުތުރުކޮށް" ދައްކާ ވީޑިއޯތަކެއް ހުރުމުން ކަމަށް ފުލުހުންގެ އިސް އޮފިސަރަކު ބުންޏެވެ. މެޓާއިން ބުނީ "ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރަން" މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ފެބްރުއަރީ މަހުން ފެށިގެން އިންޑިއާގައި ކޯޓު ނުވަތަ ސަރުކާރުން ފާހަގަކުރާ ޣައިރުޤާނޫނީ ކޮންޓެންޓް ތިން ގަޑިއިރު ތެރޭ ނެގުން ޕްލެޓްފޯމްތަކަށް ލާޒިމެވެ.

Advertisement

ކޮމެންޓް