ދެ ކޮރެއާ އެއްގަލަކަށް އެރުވޭތޯ އުތުރު ކޮރެއާއަށް ދަތުރުފުޅެއް ކުރައްވަން އިންޑޮނީސިޔާގެ ރައީސް ނިންމަވައިފި
ދެކުނު ކޮރެއާގެ ރައީސް ލީ ޖެ މިޔަންގގެ އެދިވަޑައިގަތުމަކަށް އުތުރު ކޮރެއާއަށް ވަޑައިގެން މަޝްވަރާގެ ދޮރު ހުޅުއްވައިދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އިންޑޮނީސިޔާގެ ރައީސް ޕްރަބޯވޯ ސުބިޔާންތޯ މިއަދު ވިދާޅުވެއްޖެއެވެ.
އިންޑޮނީސިޔާގެ ޗެމްބަރ އޮފް ކޮމާސްއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕްރަބޯވޯ ވިދާޅުވީ ޗައިނާއާއި އެމެރިކާ ހިމެނޭ ގޮތުން ހުރިހާ ގައުމަކާ ހަމަހަމަ ގުޅުމެއް ބޭއްވެވުމުގެ ސިޔާސަތުގެ ތެރެއިން މިދިޔަ އެޕްރީލް މަހު ސޯލްއަށް ކުރެއްވި ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ރައީސް އެ ހުށަހެޅުއްވުން ހުށަހެޅުއްވި ކަމަށެވެ. އިންޑޮނީސިޔާ އަކީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހެން ޝައުގުވެރިކަމެއް ނެތް ގައުމެއް ކަމުގައިވެސް ވިދާޅުވިއެވެ.
ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުން އެ ވާހަކަތަކަށް ރައްދު ދެމުން ބުނީ ސޯލްއާއި ޕިޔޮންގޔެންގ ދެ ފަރާތާ ވެސް ގާތް ގުޅުމެއް އޮތް އިންޑޮނީސިޔާ ފަދަ ގައުމުތަކަށް ކޮރެއާ ބައްރުގައި ސުލްހަވެރި އެކުވެރިކަން ގާއިމުކުރުމަށް ބިނާކުރަނިވި ދައުރެއް އަދާކުރެވޭނެ ކަމަށް ދެކުނު ކޮރެއާ ގަބޫލުކުރާ ކަމަށެވެ. އަދި އެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް ޕްރަބޯވޯ ޝައުގުވެރިކަން ފާޅުކުރެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މާރިޗު މަހު އިންޑޮނީސިޔާގެ ހާރިޖީ ވަޒީރު ސުގިޔޯނޯ ވިދާޅުވެފައިވާ ގޮތުގައި އީރާނުގެ ހަނގުރާމައިގެ ހާލަތު ފިނިކޮށް ނުރައްކާ ކުޑަކުރެއްވުމަށް މެދުވެރިއެއްގެ ގޮތުގައި ހުންނެވުމަށް ވެސް ޕްރަބޯވޯ ތައްޔާރަށް ހުންނެވިއެވެ.
އެޕްރީލް މަހުގެ ބައްދަލުވުމުގައި ލީ އާއި ޕްރަބޯވޯ ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި ދިފާއީ ދާއިރާ ހިމެނޭ ގޮތުން އެއްބާރުލުން ފުޅާކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. ރައީސް ލީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕިޔޮންގޔެންގއާ އެކު މަޝްވަރާގެ ދޮރު ހުޅުވާލެއްވުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވީ ނަމަވެސް 2024 ވަނަ އަހަރު ދެކުނު ކޮރެއާ އަކީ "އަދާވާތްތެރި ގައުމެއް" ކަމަށް ކަނޑައެޅި އުތުރު ކޮރެއާ ވަނީ އެ ހުރިހާ ހުށަހެޅުމެއް ބޭރުކޮށްލައިފައެވެ.