އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުން އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކޮށް ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ މިނިސްޓަރު ސައީދު މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރެއްވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، މިނިސްޓަރުން ކުރެއްވުން މަނާކޮށްފައިވާ ޢަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ. އެހެންވެ، ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނު މަޤާމުން ވަކިކުރުމަށް ޤަރާރުގައި ހުށަހަޅާފައިވެއެވެ.
ޤަރާރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާ އެކު ނުބެލެހެއްޓުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ އިޤުތިޞާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ބުނެ އިޢުލާނުކުރި ބިޔަ މަޝްރޫޢުތައް ހުއްޓިފައި އޮތް ކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީ ނުލިބުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އާއި ޑެވެލޮޕްމެންޓް ބޭންކާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ޢަމަލީ މަސައްކަތް ނުފެށޭ ކަން ފާހަގަކޮށްފައިވެއެވެ.
ޤަރާރުގައި ބުނެފައިވާ ގޮތުގައި މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރުކުރައްވައި މެންބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވައި މަސްއޫލިއްޔަތުން ރެކިވަޑައިގެންފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިވެރިންގެ މަޞްލަޙަތު ހިމާޔަތްކުރެއްވުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ޢާންމު ވިޔަފާރީގެ ތެރެއަށް ވައްދައި، އެތައް ވިޔަފާރިއަކާއި އަމިއްލަ ފަރުދުންނަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގެ ޤާނޫނާ ގުޅޭ ގޮތުން ޤަރާރުގައި ބުނެފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެ ޤާނޫނަށް އިޞްލާޙު ގެނެސް "ޓައުންޝިޕް" ގެ މަފްހޫމް ތަޢާރަފްކޮށް، ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތް މައްޗަށް ދޫކޮށް، އެ ސަރަޙައްދުތަކުގެ ވެރީންނަށް ޓެކުހުން ބޮޑެތި ލުއިތައް ދީފައިވާ ކަމަށެވެ. މީގެ އިތުރުން "މޯލްޑިވްސް ޕާލް ރެސިޑެންސް" ގެ ނަމުގައި ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ރެސިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމެއް މިނިސްޓަރު ކުރިއަށް ގެންދަވާ ކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ. ޤަރާރުގައި ސިފަކޮށްފައިވާ ގޮތުގައި އެ ޕްރޮގްރާމަކީ ކަޅު ފައިސާ ދޮވުމަށާއި ޓެކުހަށް މަކަރު ހެދުމަށް މަގުފަހިވާ، ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ނުރައްކާވެދާނެ ކަމެކެވެ.
ނަމަވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވަނީ އެ ޕްރޮގްރާމަށް ތާއީދުކުރައްވައި، އެއީ ރާއްޖެއަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.