މެދުއިރުމައްޗާ ދުރަށް ދިއުމަށް އެމެރިކާ ރައްޔިތުންނަށް އެ ޤައުމުގެ އެމްބަސީތަކުން އިލްތިމާސްކޮށްފި
މެދުއިރުމަތީގެ ސަރަހައްދީ ހަމަނުޖެހުން "ކުރިން ލަފާނުކުރެވޭ މިންވަރަށް" ހޫނުވެދާނެ ކަމުގެ އިންޒާރު ދެމުން، އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ފުރައިގެން ދިއުމަށް ތައްޔާރަށް ތިބުމަށް އެ ޤައުމުގެ އެމްބަސީތަކުން އިލްތިމާސްކޮށްފިއެވެ.
އެމެރިކާގެ އެމްބަސީތަކުން ނެރުނު ސެކިއުރިޓީ އެލާޓެއްގައި ބުނެފައިވަނީ "ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ފުރައިގެން ދިއުމާ މެދު ވިސްނަންޖެހޭ ކަމަށާއި، ހާލަތު ގޯސްވެއްޖެނަމަ ފުރާނެ ގޮތެއް ހަމަޖައްސާފައި ބެހެއްޓުން" މުހިންމު ކަމަށެވެ. ޢައްމާނާއި ޤުދުސާއި ބަޣްދާދުގައި ހުންނަ އެމެރިކާގެ މިޝަންތަކުން ސޯޝަލް މީޑިއާގައި މި އެލާޓް ޝާއިޢުކޮށްފައިވެއެވެ. އެ އެލާޓުގައި ފްލައިޓް ތަފްސީލް ޗެކުކޮށް، ދޭސީ އިދާރާތަކުގެ ސަލާމަތީ ލަފައަށް ޢަމަލުކުރުމަށް ވެސް ގޮވައިލާފައިވެއެވެ. ފްލައިޓް ކެންސަލްވުމާއި، ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމާއި، ދަތުރުފަތުރަށް ބުރޫ އެރުން ފަދަ ކަންކަމަށް ތައްޔާރަށް ތިބުމަށް ވެސް އެ އެލާޓުގައި އެދިފައިވެއެވެ.
ޢުރުދުންގައި ތިބި އެމެރިކާ ރައްޔިތުންނަށް، އެ ޤައުމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ނުދިއުމަށް އަންގާފައިވެއެވެ. އީރާނުގެ މިސައިލް ހަމަލާތައް ދާދިފަހުން އެ މަރުކަޒުތަކަށް އަމާޒުވެފައިވެއެވެ. ޤުދުސްގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ "އީރާނުގެ ވެރިކަމަކީ ލަފާކުރަން ދަތި ވެރިކަމެއް ކަމަށާއި، އިންޒާރެއް ނެތި ސަރަހައްދީ ހަމަލާ ދެމުންދާ ކަމަށާއި، ކުރިން އަމާޒު ނެތް ތަންތަނަށް (މިޞްރު ފަދަ ޤައުމުތައް) ހަމަލާ ފުޅާކޮށްފައިވާ" ކަމަށެވެ. ބުދަ ދުވަހު މިޞްރުގެ ބަނދަރެއްގައި އޮތް އެމެރިކާ ކުންފުންޏެއްގެ ގޭސް އުޅަނދަކަށް ޑްރޯނެއް ހަމަލާ ދީ އަލިފާން ރޯވެފައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ސަރަހައްދުގައި "ނުތަނަވަސްކަން އިތުރުކުރަމުންދަނީ" އެމެރިކާ ކަމަށެވެ. އީރާނުން އިންޒާރު ދެމުން ބުނީ "ކުށްވެރި އަދި ޢުދުވާންވެރި އެމެރިކާގެ އައްޑަނައެއްގެ ގޮތުގައި ޢަމަލުކުރާ ކޮންމެ ޤައުމެއް ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް ވެއްޓޭނެ" ކަމަށެވެ.
ދުވަސްކޮޅެއްގެ މެދުކެނޑުމަށްފަހު މި ހަފުތާގައި އީރާނާއި އެމެރިކާއާ ދެމެދު ރެއާ ދުވާލު ހަމަލާ ބަދަލުކުރުން އަލުން ފެށިފައިވެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ރެއިން ހޮނިހިރު ދުވަހާ ހަމައަށް ހަމަލައެއް ދީފައެއް ނުވެއެވެ. މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާ ދިނުމުން ކަމަށާއި، ބަދަލުގައި އީރާނުން ސަރަހައްދުގެ އެކި ހިސާބުތަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފައިވެއެވެ.