ކުރިއަށް އޮތް ހަތަރު ހަފުތާގައި އީރާނަށް ވަރުގަދައަށް ހަމަލާ ދޭނެ ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދީފިއެވެ.
ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި އީރާނަށް "ވަރުގަދައަށް" ހަމަލާ ދޭނެ ކަމަށެވެ. "އަހަރެމެން އެ މީހުންނަށް ވަރަށް ވަރުގަދައަށް ހަމަލާ ދޭނަން. ކޮންމެވެސް ހިސާބަކުން އެ މީހުން ބުނާނެ، ދެން ކެތެއް ނުވާނެޔޭ" ކަމަށް ޓްރަމްޕް ބުންޏެވެ.
ރޭވުންތަކާ ބެހޭ މަޢުލޫމާތު އެނގޭ އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހަފުތާ ބަންދުގައި ވެސް އީރާނަށް އައު ހަމަލާތައް ދިނުމަށް އެމެރިކާ ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ހަމަލާތަކުގެ ސީދާ ދާއިރާ އާއި އަމާޒުތައް ސާފެއް ނޫން ކަމަށާއި، ހަމަލާތައް ނުދީ ވާނެ ގޮތެއްގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ދެ އޮފިޝަލުން ވެސް ބުނެފައިވެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ދެ ހަފުތާގެ ވަރުގަދަ ބޮމުގެ ހަމަލާތައް ހިމެނޭ ގޮތަށް އީރާނުގެ މިސައިލް ސައިޓުތަކަށް ހަމަލާ ދިނުމުގެ އޮޕްޝަންތައް ތައްޔާރުކޮށް ސިފައިން ރެޑީކޮށްފައި ކަމަށް އެ އޮފިޝަލުން ބުނެފައިވެއެވެ. އޭގެ އިތުރުން ހަކަތައިގެ ސައިޓުތަކަށް ވެސް ހަމަލާ ދިނުމުގެ ރޭވުންތައް ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުމަށް ފަސް މަސް ވެފައިވާ އިރު، ޖޫން މަހު ސޮއިކުރި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ވަނީ ރޫޅިފައެވެ. ފަހަކަށް އައިސް ޓްރަމްޕް ވަނީ ކަރަންޓު ޕްލާންޓުތަކާއި ބުރިޖުތައް ފަދަ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. އެ ސަރަޙައްދުގައި ހަމަނުޖެހުން ފެތުރެމުންދާ ކަމުގެ ނިޝާންތައް ވެސް މި ހަފުތާގައި ފެނިފައިވެއެވެ.