Advertisement

ޙަމާސް ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމާ މެދު އިސްރާއީލާ އެކު އެއްގަލަކަށް އެރި ކަމަށް ޓްރަމްޕް ބުނެފި

01 Aug 2026 | 07:02
-

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތް ހަތިޔާރު ބެހެއްޓުމާ ގުޅޭ ގޮތުން އިޢުލާނުކުރި އައު އެއްބަސްވުމާ މެދު އިސްތިޢުމާރީ އިސްރާއީލާ އެކު "އެއްގަލަކަށް އެރިފައިވާ" ކަމަށާއި އިސްރާއީލު އެ އެއްބަސްވުމާ މެދު "ވަރަށް ހިތްހަމަޖެހިފައި" ވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ ޗުއްޓީ މަރުކަޒެއް ކަމަށްވާ މެރީލެންޑްގެ ކޭމްޕް ޑޭވިޑްގައި ކެބިނެޓް ބައްދަލުވުމެއް ބާއްވަމުން ޓްރަމްޕް ބުނީ މި އެއްބަސްވުމުގެ ކަންކަން "އުނދަގޫ" ވެދާނެ ކަމަށާއި "އެކި ހާލަތްތައް" ކުރިމަތިވެދާނެ ކަމަށެވެ.

Advertisement

ނަމަވެސް ޖުމްލަ ގޮތެއްގައި ހެޔޮ ފާލެއްގެ ގޮތުގައި އެ އެއްބަސްވުން ސިފަކުރީ، "ޙަމާސް ހަތިޔާރު ބެހެއްޓުވުމަކީ ވެދާނެ ކަމެއް ކަމަށް ކުރިން އެއްވެސް ބަޔަކު ހީކޮށްފައި ނެތް" ކަމަށް ބުނަމުންނެވެ.

ޓްރަމްޕް މި ވާހަކަ ދައްކާފައި ވަނީ، ޣައްޒާގައި އިސްތިޢުމާރީ އިސްރާއީލުން ހިންގަމުންދާ ގަތުލުޢާންމު ފުރިހަމައަށް ނިމުމަކަށް ގެނައުމަށް ހުށަހެޅި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ޤަބޫލުކުރާ ކަމަށް ޙަމާސް އިން ކަށަވަރުކޮށްދިން ތާ ގަޑިތަކެއް ފަހުންނެވެ. މި އެއްބަސްވުމުގެ ދަށުން ޙަމާސް އިން ފަލަސްޠީނީ ކޮމިޓީއަކާ ހަތިޔާރު ހަވާލުކުރުމުގެ ބަދަލުގައި އިސްރާއީލުގެ ސިފައިން ޣައްޒާ އިން ފުރިހަމައަށް ފައިބާނެ ކަމަށް ހަމަޖެހިފައިވީ ނަމަވެސް، އިސްރާއީލުން މި ޕްލޭނާ މެދު ބަހެއް ބުނެފައެއް ނުވެއެވެ. އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒީރު އިތަމާރް ބެން ގްވީރް ވަނީ މި ޕްލޭން "އިސްރާއީލަށް ޤަބޫލުކުރެވޭނެ ޕްލޭނެއް ނޫން" ކަމަށް ބުނެފައެވެ.

އދ. ގައި ހުންނަ އިސްރާއީލުގެ ސަފީރު ޑެނީ ޑެނޮން ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނީ، އިސްރާއީލުގެ ޖަވާބާ މެދު ޓްރަމްޕް މާޔޫސެއް ނުވާނެ ކަމަށެވެ. ނަމަވެސް އޭނާ ވެސް ވަނީ އެއްބަސްވުމުގެ ބައެއް ތަފްސީލްތަކާ މެދު ސުވާލު އުފައްދާފައެވެ.

މިޞްރު، ޤަޠަރު، ތުރުކީވިލާތް އަދި އެމެރިކާގެ މެދުވެރިންގެ ބައްދަލުވުމަކަށް ފަހު އިޢުލާނުކުރި މި އެއްބަސްވުމުގެ ދަށުން، ޙަމާސް އިން 14 ދުވަހުގެ ތެރޭގައި ހަތިޔާރުގެ އިންވެންޓްރީއެއް ތައްޔާރުކުރާނެއެވެ. އެއަށް ފަހު ބައިނަލްއަޤުވާމީ ހަމަޖެހުމުގެ ފައުޖު (އައިއެސްއެފް) އާއި ފަލަސްޠީނީ ފުލުހުންގެ އައު ފައުޖެއް ވެގެން އެ ހަތިޔާރު ފަލަސްޠީނީ ޤައުމީ ކޮމިޓީއަކާ ހަވާލުކުރާނެއެވެ. އެ ކޮމިޓީން ހަތިޔާރު ރައްކާކޮށް ބެލެހެއްޓުމުގެ ޒިންމާ ނަގާނެއެވެ. އެ ޕްރޮސެސް ކުރިއަށްދާ ވަރަކަށް އިސްރާއީލުގެ ސިފައިން މަޑުމަޑުން ޣައްޒާ އިން ފައިބާނެ ކަމަށް ވެސް ވެއެވެ. ނަމަވެސް އެ ފައިބައިގެން ދާން ފެށޭނީ އިސްރާއީލުން ސެކިއުރިޓީ ހާލަތު ބަދަލުވެއްޖެ ކަމަށް ބުނެ ރުހުން ދިނުމުންނެވެ.

މި އެއްބަސްވުމަށް ބެލެހެއްޓުމަށް "އިންޓަނޭޝަނަލް ބޯޑް އޮފް ޕީސް" ގެ ނަމުގައި ޓްރަމްޕް ޗެއާކުރާ ގޮތަށް ބޯޑެއް ވެސް ވަނީ އުފައްދާފައެވެ. އަދި ޣައްޒާގެ ދުވަހީ އިދާރީ ހިންގުން ބެލެހެއްޓުމަށް "ޣައްޒާ ހިންގުމުގެ ޤައުމީ ކޮމިޓީ" ގެ ނަމުގައި ސިޔާސީ ޖަމާޢަތެއް ވެސް ކަނޑައަޅާފައިވެއެވެ.

Advertisement

ކޮމެންޓް