Advertisement

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު 40 އަހަރަށް ފަހު ރިޓަޔާ ކުރައްވައިފި

31 Jul 2026 | 23:39
އިސްމާއިލް ރަޝީދު -- ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމުގައިވާ ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރުގެ މަޤާމުގައި 11 އަހަރު ހޭދަކުރެއްވުމަށް ފަހު އިސްމާއިލް ރަޝީދު މިއަދު އެ މަޤާމުން ރިޓަޔާ ކުރައްވައިފިއެވެ.

1988 ވަނަ އަހަރު ދިރާގު އުފެދުނު ދުވަސްވަރުން ފެށިގެން އެ ކުންފުންޏާ ގުޅިވަޑައިގެންފައިވާ އިސްމާއިލް ވަނީ ގާތްގަނޑަކަށް ހަތަރު ދެހާހަށް އެ ކުންފުންޏަށް ޚިދުމަތް ކުރައްވާފައެވެ. އެ ކުންފުނީގެ ސީއީއޯގެ މަޤާމާ 2015 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު އޭގެ ކުރިން ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ ކޭބަލް އެންޑް ވަޔާލެސްގައެވެ.

Advertisement

އިސްމާއިލް އިސްކޮށް ހުންނަވައިގެން ހިންގެވި ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅައިލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި ޖީއެސްއެމް މޯބައިލް ޚިދުމަތް ތަޢާރަފު ކުރެއްވުމާއި 2006 ވަނަ އަހަރު ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް ޤާއިމުކުރެއްވުން ހިމެނެއެވެ. ހަމައެހެންމެ ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް އެޅުމާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރެއްވުމުގައި ވެސް އެ މަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ދިރާގުން ބޭއްވި އައިޕީއޯގައި ދާޚިލީ އަދި ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް އެ ހުށަހެޅުން މާކެޓުކޮށް ހިންގެވުމުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވިއެވެ.

ރިޓަޔާ ކުރެއްވުމާ ގުޅިގެން ލިންކްޑްއިންގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި އިސްމާއިލް ވަނީ ދިރާގުގެ ހުރިހާ މުވައްޒަފުންނާއި ކުންފުނީގެ ކާމިޔާބީގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ: "ދިރާގަކީ ރާއްޖޭގެ މުއާސަލާތީ ހިދުމަތުގައި އެންމެ ލީޑްގައި އޮތް އަދި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ކުންފުނި. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓަކާއި ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ދިރާގުން ވަނީ ހިދުމަތް ފޯރުކޮށްދީފައި"

އިސްމާއިލް ވަކިވެވަޑައިގެންނެވުމާ އެކު ދިރާގުގެ ސީއީއޯގެ މަޤާމާ ހަވާލުވެވަޑައިގެންފައި ވަނީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމުގައިވާ ވަލްޑެމާ ފެރަޑާޒެވެ. ދިރާގުގެ ސީއީއޯގެ މަޤާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮން އިން ޢައްޔަނުކުރާ މަޤާމެއް ކަމަށް ވާއިރު މި ފަހަރުގެ ޢައްޔަނުކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ ދިރާގުގެ ޑައިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

ކޮމެންޓް