Advertisement

ރާއްޖޭގެ ފަވަރަ އިންޑިއާގެ ޔޫޕީއައިއާ ގުޅާލައި ވަގުތުން ފައިސާ ފޮނުވޭ ގޮތް އިފްތިތާހްކޮށްފި

30 Jul 2026 | 16:04
-

ރާއްޖޭގެ ވަގުތީ ފައިސާ ދެއްކުމުގެ ނިޒާމު ކަމަށްވާ ފަވަރަ އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވައިދޭ ހިދުމަތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފްތިތާހުކޮށްފިއެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ފުރަތަމަ މަރުހަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް މި ހިދުމަތް ލިބޭނެއެވެ. އެ ދެ ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަކި އެޕްލިކޭޝަނެއް ބޭނުންނުކޮށް ޔޫޕީއައި ބޭނުންކުރާ އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ވަގުތުން ފައިސާ ފޮނުވެއެވެ.

Advertisement

މި ނިޒާމުގެ ތެރެއިން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން ލިބޭ ފަރާތުގެ އިންޑިއާ އެކައުންޓަށް ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. މިވަގުތު ހިދުމަތް ލިބެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށް ކަމަށާއި އިންޑިއާއިން ރާއްޖެއަށް ފޮނުވޭ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ރޭވިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް ފައިސާ ފޮނުވޭނީ ތައުލީމީ ހަރަދާއި ދިގު މުއްދަތުގެ މެޑިކަލް ވިސާ އޮންނަ ދިވެހިންގެ ބޭސްފަރުވާ ހަރަދާއި އާއިލީ ހަރަދުތައް ފަދަ ހުއްދަކުރެވިފައިވާ ބޭނުންތަކަށެވެ. ކޮންމެ ކަސްޓަމަރަކަށް މަހެއްގެ ތެރޭ ގިނަވެގެން ފޮނުވޭނީ 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) ކަމަށާއި ބޭންކުތަކަށް އެއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މި ހިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަގުވާމީ ގޮފި ކަމަށްވާ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފެށުނު ހިދުމަތެކެވެ. އެ އެއްބަސްވުމުގެ ދަށުން މިހާ ކުރު މުއްދަތެއްގައި ހިދުމަތް ފެށުނު ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ރާއްޖޭގެ ގައުމީ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ބައިނަލްއަގުވާމީ ނިޒާމަކާ ގުޅައިލެވުނު މިއީ ފުރަތަމަ ފަހަރެވެ. ޔޫޕީއައިއާ ސީދާ ގޮތުން ގުޅައިލައިފައި އޮތީ ރާއްޖޭގެ އިތުރުން ހަމައެކަނި ސިންގަޕޫރާއި ނޭޕާލެވެ.

ޔޫޕީއައިއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ޕްލެޓްފޯމެކެވެ. ގޫގުލް ޕޭ ފޯންޕޭ އަދި ޕޭޓީއެމް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ބޭނުންކުރެވޭ މި ނިޒާމުން 2025-2026 ވަނަ އަހަރު ގާތްގަނޑަކަށް 241.6 ބިލިއަން މުއާމަލާތް ހިންގާފައިވާއިރު އޭގެ ޖުމްލަ އަގު 3.56 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ހަމައެކަނި 2026 ވަނަ އަހަރުގެ ޖޫން މަހު ވެސް 22.7 ބިލިއަނާ ގާތްކުރާ އަދަދަކަށް މުއާމަލާތް ހިންގާފައިވެއެވެ. ކުރިއަށް އޮތް ފިޔަވަހިތަކުގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ނިޒާމު ތައާރަފުކުރުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް