ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓް އެބަ ހިނގާ: ޕޮލިސް
މާލެއާއި ސިނަމާލެ ބްރިޖާއި ހައިވޭގައި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުމްލަ 1،355 އެކްސިޑެންޓް ހިނގައި، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓަށްވުރެ ގިނައިން ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގައި ރެކޯޑުކުރެވުނު އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ ނުވަތަ 1،128 އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. ބްރިޖާއި ހައިވޭ ސަރަޙައްދުގައި ހިނގާފައިވަނީ 227 އެކްސިޑެންޓެވެ. ވަގުތަށް ބަލާއިރު، 66.49 އިންސައްތަ (901 އެކްސިޑެންޓް) ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑު ހިނގާފައިވަނީ 454 އެކްސިޑެންޓެވެ.
މަހުން މަހަށް ބަލާއިރު، އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖެނުއަރީ މަހު ކަމަށްވާއިރު، އެ މަހު 253 އެކްސިޑެންޓް ރެކޯޑުކުރެވިފައިވެއެވެ. އެންމެ މަދީ ފެބްރުއަރީ މަހު ކަމަށްވާއިރު، އެ މަހު ހިނގާފައިވަނީ 191 އެކްސިޑެންޓެވެ. މާރިޗު މަހު 236، އެޕްރީލް މަހު 232، މެއި މަހު 238 އަދި ޖޫން މަހު 205 އެކްސިޑެންޓް ރެކޯޑުކުރެވިފައިވެއެވެ. ޖެނުއަރީ މަހާ އަޅާބަލާއިރު ޖޫން މަހު 18.97 އިންސައްތައިގެ ދަށްވުމެއް ފެނެއެވެ.
މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 31 މައްސަލައެއްގައި ސީރިއަސް އަނިޔާ ލިބިފައިވެއެވެ. އަދި 1،322 މައްސަލައެއްގައި ލިބުނު އަނިޔާ ގިންތިކުރެވިފައިވަނީ ކުދި އަނިޔާގެ ގޮތުގައެވެ. ޖުމްލަ 1،482 އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އުޅަނދުތަކަށް ލިބުނު ގެއްލުމާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި ޖުމްލަ 3،284،622 ރުފިޔާ ނަގައިދެވިފައިވެއެވެ. މި ރިޕޯޓުގައި ހިމެނެނީ ހަމައެކަނި މާލެ ސަރަޙައްދާއި ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގި އެކްސިޑެންޓްތަކުގެ މަޢުލޫމާތެވެ.