Advertisement

މިފްކޯއިން ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްޞަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފި

30 Jul 2026 | 08:16
-

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަޤުބޫލު ފަސްމީރު ބްރޭންޑުގެ ތަފާތު ހަތަރު ރަހައެއް ހިމެނޭ ޚާއްޞަ ހަދިޔާ ޕެކެއް 221 ރުފިޔާއަށް ތަޢާރަފުކޮށްފިއެވެ.

ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކުގައި ފަސްމީރު ބްރޭންޑުގެ ހަތަރު ރަހައެއް ހިމެނެއެވެ. އެއީ ކަނޑުމަސް ގިތެޔޮ މިރުހާއެކު، ކަނޑުމަސް ލުނބޮޔާއި މިރުހާއެކު، ކަނޑުމަސް އަސޭމިރުހާއެކު އަދި ކަނޑުމަސް ހިކި މިރުހާއެކު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ކޮންމެ ވައްތަރަކުން ތިން ދަޅު މި ޕެކޭޖުގައި ހިމެނޭނެއެވެ.

Advertisement

މިފްކޯއިން ބުނީ މި ޕެކޭޖަކީ އާއިލާއާއި ރަޙުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދިނުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި މި ޕެކް ލިބެން ހުންނާނެ ކަމަށާއި، ހަދިޔާ ލިބޭ ފަރާތުގެ ނަން ޖެހޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕެކަކީ ދަތުރުފަތުރުކުރާއިރު ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މިފްކޯއިން ބުނި ގޮތުގައި މި ހަދިޔާ ޕެކަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ފަސްމީރުގެ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މިފްކޯގެ މަސް ފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ.

Advertisement

ކޮމެންޓް