ހާލަތު ބަލަން ޗީފް މިނިސްޓްރު ވިޖޭ ކުރެއްވި ރޭލު ދަތުރު ފޭން ޒޯނަކަށް ބަދަލުވެ ތޮއްޖެހިއްޖެ
އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ ޗެންނާއިގެ މެޓްރޯ ނިޒާމުގެ އޮޕަރޭޝަންތައް ބައްލަވައިލެއްވުމަށް ވަޑައިގެންނެވުމުން ރޭލާއި ރޭލު ސްޓޭޝަންތައް ފުރި ބާރު ބޮޑުވެ ތޮއްޖެހިއްޖެ އެވެ.
ތަމިލަގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި ޓެމިލްނާޑޫގެ ޗީފް މިނިސްޓަރަކަށް ވެ ވަޑައިގެންނެވުމުގެ ކުރިން އޭނާ އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ތަމަޅަ ފިލްމީ ތަރި އެވެ. އެކްޝަން ފިލްމުތަކަށް މަޝްހޫރު ވިޖޭއަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު މީހެކެވެ.
އާންމުންގެ ބޮޑު ތާއީދަކާއި އެކު މިއަހަރު ޗީފް މިނިސްޓަރު ކަމަށް ހޮވުނު ވިޖޭ ދަނީ މަގާމުގެ ހައިސިއްޔަތުން ޓަމިލް ނާޑޫގެ އެކި ސިޓީތަކުގައި ސަރުކާރުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ދެމުންދާގޮތް ގާތުން ބަލައި ތަޖުރިބާ ކުރައްވަމުންނެވެ. އެގޮތުން ރެއިލް ދަތުރު ތަޖުރިބާ ކުރެއްވީ މިއަދު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވިޖޭ ޓިކެޓު ގަތީ އަމިއްލައަށެވެ. އަދި ރޭލަށް އެރީ ކިޔޫގައި ހުންނަވައިގެން އާންމުންނެކޭ އެއްގޮތަށެވެ.
ވިޖޭ އަމަލުތައް ބެހެއްޓެވިގޮތުން އެ ސްޓޭޝަނަށް ޖަމާވެފައިވާ އެތައް ސަތޭކަ ބަޔަކު އަތް ޖަހައި ތަރުހީބު ދީފައިވެ އެވެ.
އޭނާ ވަނީ ރެއިލް ދަތުރުގައި ކުޑަކުދިންނާއި އަންހެނުންގެ ހާލު ބައްލަވައި ވާހަކަ ދައްކަވާފައި އެވެ. އަދި އެމީހުންނާއި އެކު ފޮޓޯ ނެންގެވި އެވެ.
މި ދަތުރުގެ ތެރެއިން ވިޖޭ މެޓްރޯގެ ކޮންޓްރޯލް ރޫމަށްވެސް ޒިޔާރަތް ކުރެއްވިއެވެ. އެ ތާނގައި ބޮޑެތި ޑިޖިޓަލް ޑިސްޕްލޭ ފާރުތަކުން މުޅި ނެޓްވޯކުގެ ލައިވް ޓްރާންސިޓް ގްރެފިކްސް އާއި ސީސީޓީވީ ފީޑްތައް ދައްކަމުން ގެންދާތައް ބައްލަވައި އެކަން އިންތިޒާމް ކުރެވިފައިވާގޮތް އުޅުން ފިލުވި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވިޖޭ މިދަތުރު ފެށިކަން އެނގުމާއި އެކު އެ ދަތުރުގައި ރެއިލް މަޑުކުރާ ހުރިހާ ސްޓޭޝަންތަކެއްހެން ފުރި ބާރުވެ ތޮއްޖެހުނެވެ.