ދެކުނު ޖަޕާނަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރު ނެރެފި
ޖަޕާނުގެ ދެކުނުގައި އޮންނަ ކުމަމޮޓޯ ޕްރިފެކްޗާއަށް 7.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސް އެތައް ހާސް ގެއަކުން ކަރަންޓު ކެނޑި، ރޭލު ދަތުރުތައް ހުއްޓި، ސުނާމީ އިންޒާރު ނެރެފިއެވެ.
ޖަޕާނު ސަރުކާރުން ވަނީ އަންގާރަ ދުވަހު ކުމަމޮޓޯ، ނަގަސާކީ، ކަގޮޝިމާ، ފުކުއޯކާ، ސާގާ، އޯއިޓާ އަދި މިޔާޒާކީ ޕްރިފެކްޗާތަކަށް ކުއްލި ބިންހެލުމުގެ އިންޒާރު ނެރެފައެވެ. މި ހުރިހާ ޕްރިފެކްޗާތަކަކީ ވެސް ޖަޕާނުގެ ދެކުނު ރަށް ކަމަށްވާ ކިޔުޝުގައި ހިމެނޭ ސަރަހައްދުތަކެވެ. ޖަޕާން މީޓިއޯރޯލޮޖިކަލް އެޖެންސީން ބުނީ ބިންހެލުމާ ގުޅިގެން އެއް މީޓަރު (3.3 ފޫޓު) އާ ހަމައަށް ރާޅު އެރުމުގެ ފުރުސަތު އޮތް ކަމުގެ ސުނާމީ އިންޒާރެއް ނެރެފައިވާ ކަމަށެވެ.
ބިންހެލުމުގެ މަރުކަޒު ހުރީ ކުމަމޮޓޯ ސިޓީގެ ދެކުނުގައި އޮންނަ އކީ ސިޓީގެ ބިމުގެ 10 ކިލޯމީޓަރު (6.2 މޭލު) އަޑީގައެވެ. ޖަޕާން ޓައިމްސް ރިޕޯޓުކޮށްފައިވާ ގޮތުގައި ކުމަމޮޓޯގެ ސިޓީތަކުގެ އިތުރުން ނަގަސާކީ، ކަގޮޝިމާ، ފުކުއޯކާ، ސާގާ އަދި މިޔާޒާކީ ފަދަ ކައިރީ ޕްރިފެކްޗާތަކަށް ވެސް ވަރުގަދައަށް ލޮޅުން އިހުސާސް ކުރެވުނެވެ.
ކިޔުޝު އިލެކްޓްރިކް ޕަވާ ކުންފުނިން ބުނީ ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 40,000 ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ރޭލު ކުންފުނި ޖޭއާރު ކިޔުޝުއިން ބުނީ ހައި ސްޕީޑް ބުލެޓް ޓްރެއިންތައް ހިމެނޭ ގޮތަށް ރޭލު ޚިދުމަތް މެދުކަނޑައިލާފައިވާ ކަމަށެވެ. ސޯނީ އާއި ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް ޗިޕް އުފައްދާ ކުންފުނި ޓީއެސްއެމްސީ ފަދަ ކުންފުނިތަކުގެ ކާރުޚާނާތައް ބިންހެލުން އައި ސަރަހައްދުގައި ހުރި ނަމަވެސް އެއްވެސް އިންފްރާސްޓްރަކްޗާއަކަށް ގެއްލުން ލިބުނު ކަމެއް ވަގުތުން ސާފެއް ނުވެއެވެ. ނިއުކްލިއާ ރެގިއުލޭޝަން އޯތޯރިޓީން ބުނީ އެ ސަރަހައްދުގެ ނިއުކްލިއާ ހަކަތަ އުފައްދާ ތަންތަނުގައި އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ.
ޖަޕާނަކީ ދުނިޔޭގައި ބިންހެލުން އެންމެ ގިނައިން އަންނަ އެއް ޤައުމެވެ. ޕެސިފިކް ބޭސިންގެ ވަށައިގެން އޮންނަ "ރިންގް އފް ފަޔާ" ގައި ޖަޕާން އޮންނައިރު، 6 ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ އަންނަނީ ޖަޕާނަށެވެ. މީގެ 10 އަހަރު ކުރިން ކުމަމޮޓޯއަށް އައި ދެ ބޮޑު ބިންހެލުމުގައި 275 މީހުން މަރުވެ 2,739 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.