ތާބޫ އުޅޭ އިމާރާތުން އަނުޝްކާގެ ދެމަފިރިން އަގުބޮޑު ފްލެޓެއް ގަނެފި
ބޮލީވުޑް ތަރި އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީގެ ދެމަފިރިން އިންޑިއާގެ މުމްބާއީގެ ވެރްސޯވާ ސަރަހައްދުން ލަގްޒަރީ އެޕާޓްމެންޓެއް ގަނެފި އެވެ.
އެ އެޕާޓްމެންޓު ގަތީ 18.29 ކުރޯޑު ރުޕީސް އަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސްކައިޝޯ ރެސިޑެންޝަލް ޕްރޮޖެކްޓުގެ އެ އިމާރާތުން އެމީހުން ގަތީ 2,644 އަކަ ފޫޓުގެ ފުލެޓެކެވެ.
ފުލެޓާ އެކު ތިން ޕާކިން ޖާގައެއް ހިމެނޭ އިރު އިތުރު 316 އަކަ ފޫޓުގެ ޚާއްޞަ ސަރަހައްދެއް ވެސް ލިބެއެވެ. ފައިސާގެ ޢަދަދާއި ބިމުގެ ބޮޑުމިނާ ނިސްބަތްކުރާ ނަމަ އެއީ ގާތްގަނޑަކަށް ކޮންމެ އަކަ ފޫޓަކަށް 69,159 ރުޕީސް ގެ ރޭޓު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހަމަ އެ އިމާރާތުގައި ބޮލީވުޑްގެ ތަރި ތާބޫވެސް ދިރިއުޅެ އެވެ. އޭނާ ގަނެގެން އުޅެނީ 10 ކްރޯޑު ރުޕީސް އަށް 2,153 އަކަ ފޫޓުގެ ފުލެޓެކެވެ.
މިއީ އަނުޝްކާ އާއި ވިރާޓް ބޮޑު އަގުގައި ބޯހިޔާވަހިމެއް ހޯދި ފަހަރެއް ނޫނެވެ. ވިރާޓް ގެ ނަމުގައި ޕްރައިވެޓް ޕޫލަކާއި ޖިމެއް ހިމެނޭ 10,000 އަކަ ފޫޓުގެ ގެއެއް ހުންނައިރު ފަސް އެކެރަ އަށް ވުރެ ބޮޑު ބިމެއް އޮވެ އެވެ.
އަދި އަށް އެކެރަ ގެ ބިމެއްވެސް އޮވެ އެވެ. އެ ބިމުގައި ޓެމްޕެރެޗާ ކޮންޓްރޯލް ސްވިމިން ޕޫލަކާއި ޖެކޫޒީ އަކާއި ލޭންޑްސްކޭޕް ބަގީޗާ ފަދަ ވަޞީލަތްތައް ހިމެނޭ ވިލާ އެއް ބިނާކޮށްފައިވެއެވެ.
ފިލްމީ ދާއިރާ އިން ބަލާ ނަމަ އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ ނެޓްފްލިކްސް ފިލްމް ޤަލާ ގައި ކުޑަކުޑަ ރޯލަކުންނެވެ.
ވިރާޓް އާއި އަނުޝްކާ ކައިވެނިކުރީ 2017 ގެ ޑިސެމްބަރު ގައި އިޓަލީގެ ޓަސްކަނީ ގައެވެ. ދެމީހުންނަށް އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.