ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 14.5 ބިލިއަނަށް އަރައިފި
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ޓެކުހާއި ކުއްޔާއި އެކި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ޖުމްލަ 14.46 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މީރާގެ ތަފާސް ހިސާބު ދައްކާ ގޮތުން އެ ފައިސާގެ ތެރެއިން އެންމެ ގިނައީ ޓެކުހުގެ ގޮތުގައި ލިބެނެް ޖެހޭ ފައިސާ އެވެ. ޓެކުހުން އެކަނި 8.16 ބިލިއަން ރުފިޔާ ނުލިބިވާއިރު 3.5 ބިލިއަނަކީ ޖީޖީއެސްޓީއެވެ.
ދެން އެންމެ ބޮޑު އަދަދެއް ހިމެނެނީ އިންކަމް ޓެކްސްގެ ގޮތުގައި ނުލިބިވާ 2.4 ބިލިއަން ރުފިޔާއެވެ. ޓީޖީއެސްޓީން 1.5 ބިލިއަން ރުފިޔާ އަދި އެ ނޫން ޓެކުހުގެ ބާވަތްތަކުން 697.65 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.
ޓެކުހުގެ އިތުރުން އެހެނިހެން އާމްދަނީން ދައުލަތަށް ނުލިބި 6.30 ބިލިއަން ރުފިޔާ ހުރިއިރު އެ ބައިގެ ގާތްގަނޑަކަށް ހުރިހާ ފައިސާއެއް ކަހަލައިން — 5.97 ބިލިއަން ރުފިޔާ — ގުޅިފައިވަނީ ޓޫރިޒަމް ރިސޯޓުތަކުން ދައްކަންޖެހޭ ކުއްޔާއެވެ.
ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ތަފާތު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 984 ފަރާތެއްގެ އަތުން 77.69 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން 10,701 ނޯޓިސް ފޮނުވައި 176 ބޭންކް އެކައުންޓެއް ފްރީޒްކޮށް 256.03 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ސިވިލް ކޯޓު މެދުވެރިކޮށް ދައުވާ ހުށަހެޅުމާއި ކޯޓުން ބޭރުގައި ސެޓްލްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ.
މީރާއިން 2024 ގައި އެކުލަވައިލި ސްޓްރެޓީޖިކް ޕްލޭންގައި ކޮންމެ އަހަރަކު ޓެކުހުން ނުލިބިވާ ފައިސާ 15 އިންސައްތައަށް މަދުކުރުމާއި ޓެކުހުގެ ބޭރުން ނުލިބިވާ ފައިސާ ކޮންމެ އަހަރަކު 10 އިންސައްތައަށް ތިރިކުރުމުގެ ލަނޑުދަނޑި ކަނޑައެޅިއެވެ. ހަމައެއާއެކު އެ ޕްލޭންގެ ދަށުން މި އަހަރު ނިމުމުގެ ކުރިން އިލެކްޓްރޯނިކް އިންވޮއިސިން ތަންފީޒުކުރުމާއި 2028 ގެ ނިޔަލަށް އޮންލައިންކޮށް ސެލްފް ސާވިސް ޚިދުމަތް ފުޅާކުރުމަށް އަމާޒު ހިފައިފައިވެއެވެ. އަންނަ އަހަރު ނިމޭއިރު ބޮޑެތި އަދަދުން ޓެކުސް ދައްކާ ފަރާތްތަކުގެ 90 އިންސައްތަ އެ ނިޒާމުގެ ތެރެއަށް ވެއްދުމަކީ ވެސް މީރާގެ އެ ޕްލޭންގައި ހިމެނޭ ލަނޑުދަނޑިއެކެވެ.