ކޮރަޕްޝަނާ ކޮލިޓީގެ މައްސަލަ ބޮޑުވެ އިންޑޮނޭޝިއާގެ "ފްރީ މީލް" ޕްރޮގްރާމްގެ 800 އަށްވުރެ ގިނަ ބަދިގެ ބަންދު
އިންޑޮނޭޝިއާގެ ނެޝަނަލް ނިއުޓްރިޝަން އެޖެންސީ (އެންއެންއޭ) އިން ރައީސް ޕްރައިބޯވޯ ސުބިއާންތޯގެ ހިލޭ ކެއުމުގެ ޕްރޮގްރާމުން 833 ބަދިގެ ދާއިމީކޮށް ބަންދުކޮށް، ފައިސާ ވަގަށް ނެގުން ހިމެނޭ ގޮތަށް އެކި ސަބަބުތަކާ ހެދި 261 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް އެ އެޖެންސީގެ ވެރިޔާ ސުދަރިޔޯނޯ ހޯމަ ދުވަހު ބުނީއެވެ.
ޤައުމީ ފެންވަރުގައި 20،000 އަށް ވުރެ ގިނަ ބަދިގެ ހިންގާ މި ޕްރޮގްރާމުގެ 833 ބަދިގެ ސަސްޕެންޑް ކުރީ ކެއުމުގެ ފެންވަރު ނުހިފެހެއްޓުމާއި ސަރުކާރުގެ ޝަރުތުތައް ފުރިހަމަ ނުކުރެވުމުގެ ސަބަބުން ކަމަށް ސުދަރިޔޯނޯ ބުންޏެވެ. މިދިޔަ ހަފުތާގައި އެ މަޤާމަށް ޢައްޔަންކުރި ސުދަރިޔޯނޯ ބުނީ މިއީ ޕްރޮގްރާމް ސާފުކޮށް ހިންގުން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
83 މިލިއަން ކުޑަކުދިންނާއި މާބަނޑު މީހުންނަށް ހިލޭ ކެއުން ފޯރުކޮށްދިނުމަށް 2025 ވަނަ އަހަރުގެ ޖެނުއަރީގައި ފެށި މި ޕްރޮގްރާމަކީ ޕްރައިބޯވޯ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ. ޕްރޮގްރާމުގެ ކެއުން ތައްޔާރުކުރަނީ ސަރުކާރުގެ ފައިސާއިން، ފްރެންޗައިޒް އުސޫލުން ތަފާތު ފައުންޑޭޝަންތަކުން ހިންގާ ބަދިގެތަކުންނެވެ.
މި ޕްރޮގްރާމަށް ފާއިތުވި ދޮޅު އަހަރު ތެރޭ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވެއެވެ. އެ އެޖެންސީގެ ކުރީގެ ވެރިޔާ ޖޫން ކުރީކޮޅުގައި ކޮރަޕްޝަން ތުހުމަތުގައި ހައްޔަރު ކުރި ފަހުން، ދެވަނަ ވެރިޔާ ސިއްޙީ ސަބަބަކަށް މިދިޔަ ހަފުތާ އިސްތީފާ ދިނީއެވެ. ކާނާ ވިހަވުމުގެ މައްސަލަތަކެއް ފެންމަތިވުމުގެ ސަބަބުން 5،000 އަށް ވުރެ ގިނަ ދަރިވަރުން ބަލިވެ، ޕްރޮގްރާމް ހުއްޓައިލުމަށް ގޮވައިލި ދުވަސްވަރެއްވެސް އައެވެ.
އިންވެސްޓަރުންގެ ކަންބޮޑުވުން ބޮޑުވެ، ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓު 335 ޓްރިލިއަން ރުޕީ އިން 229 ޓްރިލިއަން ރުޕީ (16.4 ބިލިއަން ޑޮލަރު) އަށް ކުޑަކޮށްފައެވެ.