ޝަރުތާއި ހިލާވެ އިންޑިއާގައި މުޒާހަރާ ކުރި ޒުވާނުން ހައްޔަރު ކުރާ ކަމުގެ ތުހުމަތު!
އިންޑިއާގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން މުޅި އިންޑިއާގައި ހިންގި މުޒާހަރާ ހުއްޓާލުމުންވެސް އެކި ސްޓޭޓުތަކުން މުޒާހަރާގެ ބައިވެރިން ހިފައި ހައްޔަރުކުރަމުންދާ ކަމުގެ ގިނަ ރިޕޯޓުތައް ފެންމަތިވެ އެ ޖަމާއަތުން ހިތްހަމަ ނުޖެހިއްޖެ އެވެ.
އިންޑިއާ ޒުވާނުންގެ ޖަމާއަތް ސީޖޭޕީ، ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފެށީ ނީޓް ޕޭޕަރު ލީކުވި މައްސަލައިގަ އިމްތިހާނު ކެންސަލް ކުރުމުން އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާއެވެ. މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު ދަރްމެންދްރަ ޕްރަދާން ވަނީ އިސްތިއުފާ ދެއްވާފައި އެވެ.
އެއާ އެކު އެ ދުވަހުން ފެށިގެން މުޒާހަރާތައް ހުއްޓާލާފައިވާއިރު ސަރުކާރާއި ޒުވާނުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި ވަނީ އިތުރު ދެ ކަމަކަށް ސަރުކާރުން އެއްބަސްވެފައި އެވެ. އެއީ އިމްތިހާނު ކެންސަލް ކުރުމުން އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދިނުމާއި މުޒާހަރާ ކުރި ޒުވާނުންނަށް ގާނޫނީ އެއްވެސް ފިޔަވަޅެއް ނުވަތަ ހައްޔަރު ނުކުރުމެވެ.
މުޒާހަރާ ހުއްޓާލިތާ ތިން ދުވަސް ފަހުން ސީޖޭޕީގެ ތަރުޖަމާނު ސައުރަވް ދާސް ނެރުނު ބަޔާނުގައި ބުނީ މުޒާހަރާ ހުއްޓައިލީ ބީޖޭޕީ ނުވަތަ އެންޑީއޭ ވެރިކަންކުރާ ސްޓޭޓުތަކުގައި މުޒާހަރާވެރިންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ބޮޑުވަޒީރު މޯދީގެ ތާއީދު ބޮޑު ސްޓޭޓްތަކުގައި މުޒާހަރާ ކުރި ޒުވާނުން ހައްޔަރުކޮށް އެމީހުންނާއި ދެކޮޅަށް މައްސަލަ ރެޖިސްޓްރީ ކުރަމުންދާ ކަމަށެވެ.
އެހެންވެ ހައްޔަރުކުރި މީހުން ދޫކޮށް އެފްއައިއާރުތައް ބާޠިލުކޮށް ލިޔުމުން ޔަގީންކަމެއް ދިނުމަށް ގޮވާލާފައިވެ އެވެ.
އެންމެ ބޮޑަށް އެމީހުން ފާހަގަ ކޮށްފައިވަނީ ޣާޒީއާބާދުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޖުނައިދުގެ ޢާއިލާއާ ގުޅޭ މައްސަލައެވެ. ޖުނައިދު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ ޖުލައި 25 ވަނަ ދުވަހު މުޒާހަރާ ހުއްޓައިލުމުގެ ކުރީ ދުވަހު އުއްތަރް ޕްރަދޭޝް ފުލުހުން އޭނާގެ ގެ ބަލައި ފާސްކޮށް ޢާއިލާގެ މީހުން ގެންދިޔަ ކަމަށާއި ބޭންކު ޕާސްބުކާއި ޕޭން ކާޑު ފަދަ ތަކެތި އަތުލި ކަމަށެވެ.
އެކަމަކު އޭނާ ހައްޔަރު ނުކުރާ ކަމަށް ޒުވާނުންގެ ޖަމާއަތުން ބުނެ އެވެ.
އެ ޖަމާއަތުން ބުނީ ސަރުކާރު ކޯލިޝަންގެ ބާރު އޮތް ސްޓޭޓްތަކުގައި މިފަދަ އެހެން މައްސަލަތައް ފެންމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންވެ ސަރުކާރުގެ މި އަމަލުތަކާއި މެދު އިތުރަށް ވިސްނުމަށް ގޮވާލާފައިވެ އެވެ.