ދައުރުވަމުންދާ ވީޑީއޯގައި ފެންނަނީ ކުނީގެ ގޮތުގައި އުކާލަން ޖަމާ ކުރި ސައިކަލުތަކެއް
މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ކުނީގެ ގޮތުގައި އުކާލަން ޖަމާ ކުރަމުން ދިޔަ ސައިކަލުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯގައި ފެންނަނީ ޓްރަކެއްގައި ހުރި ސައިކަލްތަކެއްގެ ތެރެއިން ސައިކަލެއް ބިންމައްވަށް ވައްޓާލާތަނެވެ. މި ވީޑިއޯއަށް ފާޑުކީ މީހުން ވަނީ ފުލުހުން އާންމުންގެ މުދަލަށް ގެއްލުންދީ ހަދައި ފަރުވާ ކުޑަކުރަމުންދާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ ވީޑިއޯއިން ފެންނަ ވެހިކަލް ތަކަކީ ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ވެރި ފަރާތުން ހަވާލު ނުވެ ހުރި ވެހިކަލްތަކެއް ކަމަށެވެ. އެއީ އިދާރީގޮތުން ހުރިހާ ކަމެއް ފުރިހަމަކޮށް ނައްތާލުމުގެ ހުއްދަ ލިބިފައިވާ އުޅަނދުތަކެއް ކަމަށް ބުނެފައިވެ އެވެ.
ވީޑިއޯއިން ފެންނަނީ އުޅަނދުތައް ނައްތާލުމަށް ޓަކައި ތިލަފުއްޓަށް ގެންދިއުމަށް ހުޅުމާލޭ ފޭސް ދޭއްގައި ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި ޖަމާ ކުރަމުންދާތަން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ ކުރިންވެސް މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ކޮށްފައިވެ އެވެ. އެގޮތުން ޓޯކޮށްފައި ހުންނަ ސައިކަލްތައް ފުލުހުން ޗެކުކޮށް އޭގައި ހުންނަ ސާމާނު ނަގަނީ ކަމަށް ބުނެވެސް ވީޑިއޯ ދައުރުކޮށްފައިވެ އެވެ.