Advertisement

އީގަލް ހިލްސް މަޝްރޫއު ރާވާފައި އޮތް ގޮތުން ޑޮލަރުގެ މައްސަލަ ހައްލުވާނެ: މިނިސްޓަރު

22 Sep 2026 | 09:38
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އަރަބް އެމިރޭަޓްސް (ޔޫއޭއީ)ގެ "އީގަލް ހިލްސް" އިން ރަސްމާލޭގައި ކުރިޔަށް ގެންދަން އެއްބަސްވި 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ރާވާފައި އޮތް ގޮތުން ޑޮލަރު ލިބުމުގައި މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އެ ކުންފުނިން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ރަސްމާލޭގައި އަޅާނެ ކަމަށެވެ. އެތަންތަނުގެ ލީސިން ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ޖަމާ ކުރާނީ ސަރުކާރާއި ކުންފުނި ގުޅިގެން ރާއްޖޭގެ ބޭންކެއްގައި އުފައްދާފައިވާ އެކައުންޓަކަށް ކަމަށް ވިދާޅުވި އެވެ.

Advertisement

ޒަރީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް މިހާރު އަހަރަކު ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ވަންނައިރު އޭގެ ބޮޑުބައެއް ރާއްޖޭން ބޭރަށް ދާ ކަމަށެވެ. މި މަޝްރޫއުއިން ވަރަށް ބޮޑަށް، އެކަން އެހެން ނުވާނެ ގޮތަށް ކަންކަން ރާވާފައި އެކަން ޔަގީންކޮށްފައިވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ފުރަތަމަ އަހަރު ރާއްޖެއަަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށާއި އޭގެ ފަހުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުން މިއީ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މަޝްރޫއުއެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ ލީސްރައިޓްސް ވިއްކައިގެން އާމްދަނީ ލިބޭނީ ފުރަތަމަ އަހަރު ކަމަށެވެ. އޭގެ ފަހުން އާމްދަނީ ލިބޭނީ އެތަންތަން ހިންގައިގެން ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

ސަރުކާރުން އިއްޔެ ބުނީ މިއީ މިޔަ މަޝްރޫއުއެއް ކަމަށް ވިޔަސް މަޝްރޫއު ކުރިޔަށް ގެންދަން އެއްބަސްވެފައިވަނީ ޓެކްސް އިސްތިސްނާ ނުވާގޮތަށް ކަމަށެވެ. އެހެން ކަމުން ރަސްމާލޭގައި ހިންގާ ހުރިހާ ހަރަކާތްތަކުން ރާއްޖޭގެ އާންމު ގާނޫނުތަކުގެ ދަށުން ޓެކްސް ވެސް ނަގާނެ އެވެ.

މިހެން ހެދުމުން، މަޝްރޫއުގެ ފައިސާގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ލިބޭނެ އެވެ. އަދި ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުޢާމަލާތަކުން 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ލިބޭނެ އެވެ.

މަޝްރޫއު ހިންގާ އީގަލް ހިލްސް އަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ކާމިޔާބު އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. 

Advertisement

ކޮމެންޓް