Advertisement

މި ސަރަހައްދުގައި ވަޒީފާ ނެތް ތައުލީމީ ޒުވާނުން އެންމެ ގިނައީ ލަންކާގައި، އައިއެމްއެފް ކަންބޮޑުވޭ

22 Sep 2026 | 08:09
ސްރީލަންކާގެ މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންތަކެއް --

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އިޤުތިޞާދީ ނުތަނަވަސްކަމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތައް އަންނަ މި ދަނޑިވަޅުގައި ސްރީލަންކާގެ މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް 43 އިންސައްތަ ޒުވާނުންނަށް ވަޒީފާ ނުލިބޭ ކަމަށް އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

"ގްރެޖުއޭޓިން އިންޓު އަންސާޓެންޓީ" ގެ ނަމުގައި އައިއެމްއެފުން ޝާއިޢުކުރި މި ލިޔުމުގައި ވާ ގޮތުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ވަޒީފާގެ ބާޒާރަށް ކުރިއަށް އޮތް 10 އަހަރު ތެރޭ ގާތްގަނޑަކަށް 1.2 ބިލިއަން ޒުވާނުން ނުކުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއީ ޒަމާނީ ތާރީޚުގައި އެންމެ ބޮޑު ޒުވާން ލޭބާ ފޯސް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

އޭޝިއާ އާއި ތަރައްޤީ ވަމުން އަންނަ އެހެން ޤައުމުތަކުގެ މި ދާއިރާގެ ހާލަތު ދިރާސާ ކޮށްފައިވީ ނަމަވެސް ދެކުނު އޭޝިއާ ސަރަޙައްދުގައި ސްރީލަންކާގެ ހާލަތު ފާހަގަވަނީ އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައެވެ. އެ ޤައުމުގެ ޑިގްރީ ނިންމާ ޒުވާނުންގެ ވަޒީފާ ނެތް ނިސްބަތް 43 އިންސައްތައިގައި އޮތުމަކީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މަތީ ނިސްބަތްތަކުގެ ތެރެއިން ނިސްބަތެކެވެ. މީގެ ސަބަބުން މަތީ ތަޢުލީމު ހާސިލުކޮށް ނިމޭ އެތައް ހާސް ލަންކާ ޒުވާނުންނަށް ތަޢުލީމީ ފެންވަރާ ގުޅޭ ވަޒީފާ ހޯދުން ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

ވަޒީފާ ނެތް ނިސްބަތް އެންމެ ބޮޑަށް ފެންނަނީ އެންމެ ތަޢުލީމީ ފަންތީގެ ޒުވާނުންގެ ތެރެއިން ކަމަށް އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ. ޔުނިވާސިޓީ ތަޢުލީމުން ދަސްކޮށްދޭ ހުނަރުތަކާއި ވަޒީފާގެ ބާޒާރުން ބޭނުންވާ ހުނަރުތަކާ ދެމެދު ބޮޑު ފަރަގެއް އުފެދިފައި އޮތް ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ. އާ ޓެކްނޮލޮޖީތައް ސިނާޢަތްތަކުގައި ބޭނުންކުރާ މިންވަރު އިތުރުވަމުން ދާ ވަރަކަށް ކުރިން ކިޔަވައިދެމުން އައި ހުނަރުތަކާ ތަފާތު ހުނަރުތައް ވަޒީފާ ދޭ ފަރާތްތަކުން ހޯދަމުންދާ ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

Advertisement

ކޮމެންޓް