އިންޑިއަން އައިޑޮލް ސީޒަން 16، ޖޮޔޯތިރްމަޔީ ކާމިޔާބު ކޮށްފި
އެތައް މަހެއްގެ ވާދަވެރި ހުށަހެޅުންތަކަށް ފަހު އިންޑިއަން އައިޑޮލް ސީޒަން 16 ގެ ޗެމްޕިއަންކަން އިންޑިއާގެ އޮޑިޝާއަށް ނިސްބަތްވާ ޖޮޔޯތިރްމަޔީ ނާޔަކް ހޯދައިފިއެވެ.
ގްރޭންޑް ފިނާލޭގައި ޖޮޔޯތިރްމަޔީ ވާދަކޮށްފައި ވަނީ އަންޝިކާ ޗޮންކަރް، މަންރާޖް ވީރް ސިންގް، މިސްމީ ބޮސޫ، ސުހައިލް ސޫފީ އަދި ތަނިޝްކް ޝުކްލާއާ އެވެ. ދެވަނަ ހޯދީ ޖަބަލްބޫރަށް ނިސްބަތްވާ ތަނިޝްކް ޝުކްލާއެވެ.
ގާތްގަނޑަކަށް 10 މަސް ދުވަހަށް ދެމިގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ޖިޔޯތިރްމަޔީއަށް ވަނީ މުބާރާތުގެ ރަން ތައްޓާ އެކު އިނާމެއްގެ ގޮތުގައި 20 ލައްކަ އިންޑިއަން ރުޕީސް ލިބިފައެވެ. މިއީ އޮޑިޝާއަށް ނިސްބަތްވާ މީހަކު މި މަގާމު ހޯދި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ތެރޭގައި ޖޮޔޯތިރްމަޔީ ވަނީ ފަނޑިޔާރުންނާއި ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައެވެ. އެގޮތުން "އޯ ޖަބް ތަކް ހޭ ޖާން ޖާނޭ ޖަހާން މައިން ނާޗޫނގީ" ލަވަޔާއި "ޖާނޭ ކިޔޫން ލޯގް މޮހައްބަތް ކިޔާ ކަރްތޭ ހައިން" އަކީ އެންމެ މަޝްހޫރު ވެގެން ދިޔަ ލަވަތަކެވެ.
އެއް ވަނައަށް ދިއުމުން އޭނާ ބުނީ ލިބުނު ވަނައަކީ މިދިޔަ އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތް ކަމަށެވެ. މުމްބާއީއަށް ދިޔައީވެސް އެއްވަނަ ހޯދުމުގެ އަޒުމުގައި ކަަމަށް ޖޮޔޯތިރްމަޔީ ބުނެފައިވެ އެވެ.
ޖޮޔޯތިރްމަޔީގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ބޮލީވުޑްގައި ޕްލޭބެކް ސިންގައެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.
މި މުބާރާތުގެ ގްރޭންޑް ފިނާލޭގައި އުޝާ އުތުޕް، އުދިތު ނާރާޔަން، ކުމާރު ސާނޫ، ޝެހެނާޒް ގިލް އަދި އުރުމިލާ މާޓޮންޑްކަރު ފަދަ ފަންނާނުން ބައިވެރިވިއެވެ.