ވޯލްޑް ކަޕްގައި ވިދާލި ކޭޕް ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ ކޮލޯ ކޮލޯއަށް ސޮއިކޮށްފި
ފީފާ ވޯލްޑް ކަޕް 2026 ގައި މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ކޭޕް ވާޑޭގެ ގޯލްކީޕަރު ޖޮސީމާ ޑިއާޒް ނުވަތަ ވޮޒީނިއާ ޗިލީގެ އެންމެ ބޮޑު ފުޓުބޯޅަ ކްލަބު ކޮލޯ ކޮލޯއާ ގުޅެން ސޮއިކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ވޮޒީނިއާ ވޯލްޑް ކަޕްގައި ކުޅުނުއިރު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއް ނެތެވެ. ނަމަވެސް މުބާރާތުގައި ޗެމްޕިއަން ސްޕެއިންނާއި ޑިފެންޑިން ޗެމްޕިއަން އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ހައިރާންކުރަނިވި ސޭވްތަކެއް ކޮށް މުބާރާތުގައި އެންމެ ގިނަ ބައެއްގެ ތެރޭގައި ވާހަކަ ދެކެވުނު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ.
ކޮލޯ ކޮލޯ ހިންގާ ކުންފުނި ބްލެންކޯ އީ ނެގްރޯގެ ރައީސް އަނީބާލް މޮސާ މީޑިއާތަކަށް ދެއްވި ކޮމެންޓެއްގައި ވިދާޅުވީ "ވޮޒީނިއާ ވާނީ ކޮލޯ ކޮލޯގެ ކުޅުންތެރިއަކަށް. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ޗިލީއަށް ދަތުރުކޮށް ބޭނުންވާ މެޑިކަލް ޗެކަޕްތައް ފުރިހަމަކުރުމަށް ފަހު އެސްޓާޑިއޯ މޮނިއުމެންޓަލްގައި ތައާރަފްކުރެވޭނެ" ކަމަށެވެ. ޗިލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކޮންޓްރެކްޓަކީ 18 މަހުގެ އެއްބަސްވުމެކެވެ.
ހުކުރު ދުވަހު ކޮލޯ ކޮލޯގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި "މަރުހަބާ. ތިބީ އިންތިޒާރުގައި" ކަމަށް ޖެހި ޕޯސްޓާ އެކު ކޮލޯ ކޮލޯގެ ސަޕޯޓަރުންގެ އިތުރުން މުޅި ޗިލީގައި ފޯރި ހިފައިފައިވެއެވެ. ޗިލީގެ ގައުމީ ޓީމަށް ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕަށް ކޮލިފައި ނުވެވުމާ އެކު މި ސޮއިކުރުން ޗިލީގެ ފުޓުބޯޅައަށް ލިބުނު ވަރުގެ ބޮޑު ހެޔޮ ހަބަރެއް ދާދި ފަހުން ލިބިފައެއް ނެތެވެ.
އެފްރިކާގެ ހުޅަނގު އައްސޭރީގެ ޖަޒީރާ ގައުމެއް ކަމުގައިވާ ކޭޕް ވާޑޭ ގޮވައިގެން ވޮޒީނިއާ ވޯލްޑް ކަޕްގައި ވަރުގަދަ ކުޅުމެއް ދެއްކީ ގަދަ 32 ގައި ލިއޮނެލް މެސީގެ އާޖެންޓީނާ އަތުން އިތުރު ވަގުތުގައި 3-2 ން ބަލިވެ ކެޓުމާ ހަމައަށެވެ. ވޯލްޑް ކަޕްގެ ކުރިން 50,000 އެއްހައި ފޮލޯވަރުން ތިބި ވޮޒީނިއާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 29 މިލިއަނަށް އިތުރުވެފައެވެ.