61 ވަނަ މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މިރޭ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ހަ ގެމައެއް ބައިވެރިވާ އަސްކަރީ ހިނގާލުމެއް މިރޭ 20:30ގައި ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާލުމުގައި އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމައެއް ބައިވެރިވާނެއެވެ. ހިނގާލުމުގެ ތެރެއިން ސިފައިންގެ ކޯރތަކާއި އެކި ދާއިރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ދައްކައިލުމަށް ވެސް ރާވާފައިވާ ކަމަށް އެ ފޯސް އިން ބުނެފައިވެއެވެ.
ހިނގާލުމުގެ ލަޝްކަރު މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ. އެ ސަރަހައްދުތަކަކީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ޖަންކުޝަން ކައިރީގައި އޮންނަ އާޓިފިޝަލް ބީޗާއި އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމައްޗާއި އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމައްޗާއި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ.
ލަޝްކަރު ހުއްޓޭ ކޮންމެ ސަރަހައްދެއްގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ހުށަހެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމަކީ މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މައިދާނީ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ބާއްވާ ހިނގާލުމެކެވެ.