Advertisement

ކާބަފައިން ފުރާނަ ދީގެން ހޯދި މިނިވަންކަން ދެމެހެއްޓުމަށް ރައީސް ގޮވައިލައްވައިފި

26 Jul 2026 | 06:59
-

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން، ކާބަފައިން ފުރާނަ ދީގެން ހޯދި މިނިވަންކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ގޮވައިލައްވައިފިއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު ދިވެހިންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަ ދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. މީގެ އިތުރުން މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވި ބަޠަލުންނަށް އެމަނިކުފާނު ހެޔޮ ދުޢާ ރައްދުކުރެއްވިއެވެ.

Advertisement

އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ހަތަރު ކަމަކަށް ރައީސް އިސްކަން ދެއްވިއެވެ. އެއީ ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމާއި، މުޖުތަމަޢުގައި ބަދަހި ގުޅުމެއް އޮތުމެވެ. މި ސިފަތަކުން ސިފަ ލިބިގަނެ، މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ޕޯސްޓް ނިންމަވައިލެއްވީ "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" މި ޢިބާރާތުންނެވެ.

މިއަދަކީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 އަހަރު ފުރޭ ދުވަހެވެ. 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ސިލޯނުގެ ކޮޅުނބުގައި ސޮއިކުރި އެއްބަސްވުމުން، ރާއްޖޭގެ ދިފާޢާއި ބޭރު ގުޅުންތަކުގެ މައްޗަށް އިނގިރޭސިންނަށް އޮތް ބާރު ނިމުމަކަށް އައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު 9:00 ގައި ސޯޝަލް ސެންޓަރުގައި ބާއްވާއިރު، އެ ޖަލްސާގައި ރައީސް ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މިއަހަރު ވެސް ނުބާއްވަން ރައީސް ވަނީ ނިންމަވައިފައެވެ. މިއީ ވިދިވިދިގެން ތިންވަނަ އަހަރެވެ.

Advertisement

ކޮމެންޓް