އުރީދޫއިން މިނިވަން ދުވަހާ ދިމާކޮށް ހާއްސަ ޑޭޓާ ޕެކާއި ހިލޭ ކޯލްގެ ފުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ހާއްސަ ތިން އޮފާއެއް މިއަދު އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން ތައާރަފުކުރި "މިނިވަން 61 ޕެކް" މެދުވެރިކޮށް 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ. ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މި ޕެކް ނެގޭ ގޮތަށް ހަމަޖައްސާފައިވާ އިރު މި އޮފާ ކުރިއަށް ގެންދަން ނިންމާފައި ވަނީ 25 ޖުލައިން ފެށިގެން 31 ޖުލައި 2026 ގެ ނިޔަލަށެވެ.
މީގެ އިތުރުން ހަމަ އެ ޕެކް އެހެން ފަރާތްތަކަށް ހަދިޔާކުރެވޭ ގޮތް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސައިފައެވެ. 61 ރުފިޔާ ދައްކައިގެން ގާތް މީހަކަށް 61 ޖީބީ ޑޭޓާ ޕެކެއް ފޮނުވައިލެވޭނެއެވެ. މި އޮފާ ވެސް ކުރިއަށްދާނީ ހަމަ 25 އިން 31 ޖުލައިއާ ހަމައަށެވެ.
ތިންވަނަ އޮފާގެ ގޮތުގައި 26 ޖުލައި 2026 ވާ އާދީއްތަ ދުވަހު މެންދުރުފަހު 15:00 އިން ހަވީރު 16:00 އަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ. މިއީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ އޮފާއެކެވެ.
އެ ކުންފުނިން ބުނީ މިނިވަން ދުވަސް ފާހަގަކުރާ އިރު ކަސްޓަމަރުން ގުޅިފައި ތިބުމަށާއި އުފާވެރިކަން ހިއްސާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ހުރިހާ އޮފާއެއް ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވޭޓްކޮށްލެވޭނެއެވެ.