އެމެރިކާގައި ލެޓިއުސް ފަތުން ބޭރަށްހިންގުމުގެ ބަލި ފެތުރި، ދެ ހާހެއްހާ މީހުން ބަލިވެ 98 މީހަކު އެނދުމަތިކޮށްފި
ބޭރަށްހިންގުމުގެ ބަލި ފެތުރޭ ސައިކްލޮސްޕޯރާ ޕެރަސައިޓް، އެމެރިކާގެ އިތުރު ހަތަރު ސްޓޭޓަކުން ފެނިފައިވާ ކަމަށް އެ ޤައުމުގެ ބަލިތައް ކޮންޓްރޯލްކުރުމާ ބެހޭ މަރުކަޒު (ސީޑީސީ) އިން ހުކުރު ދުވަހު ބުނެފިއެވެ.
އަލަށް އިތުރުވި ސްޓޭޓްތަކަކީ އިލިނޯއީ، ކެންސަސް، އޮކްލަހޯމާ އަދި ޕެންސިލްވޭނިއާއެވެ.
މީގެ ކުރީން ސީޑީސީގެ ތަޙުޤީޤުގައި ހިމެނުނީ އިންޑިއާނާ، ކެންޓަކީ، މިޝިގަން، އޮހަޔޯ އަދި ވެސްޓް ވާޖިނިއާއެވެ. މިއާ އެކު ބަލި ފެތުރިފައިވާ ސްޓޭޓްތަކުގެ ޢަދަދު މިވަނީ ނުވަޔަކަށް އަރާފައެވެ. މި ބަލި ފުރަތަމަ ގުޅުވައިލެވުނީ ޓާކޯ ބެލްގެ ރެސްޓޯރަންޓުތަކުގައި ދިން ކޮށާފައި ހުރި ލެޓިއުސް ފަތާއެވެ.
ލެޓިއުސް ފަތާ ގުޅިފައިވާ ކޭސްތަކުގެ ޢަދަދު މިހާރު 1،947 އަށް އަރައިފައިވާއިރު، މަދުވެގެން 98 މީހަކު ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުނު ކަމަށް ސީޑީސީގެ ވެބްސައިޓުގައި ބުނެފައިވެއެވެ. މި ބަލީގައި އެއްވެސް މީހަކު މަރުވެފައި ނުވެއެވެ. ނަމަވެސް ހުރިހާ ކޭހެއް ރިޕޯޓުނުކުރެވޭތީ، ޙަޤީޤީ ޢަދަދު މިއަށްވުރެ ބޮޑުވާނެ ކަމަށް އެ މަރުކަޒުން ފާހަގަކުރެއެވެ.
ސީޑީސީ އާއި ކާނާ އާއި ބޭހާ ބެހޭ އިދާރާ (އެފްޑީއޭ) އަދި ސްޓޭޓްތަކުގެ ޞިއްޙީ އޮފިޝަލުން ދަނީ ލެޓިއުސް ސަޕްލައި ޗެއިން ދިރާސާކޮށް، ބަލި ޖެހުމުގެ ދެ ހަފުތާ ކުރީން ކެއި ކާނާއާ ބެހޭ ގޮތުން މީހުންނާ ސުވާލުކުރަމުންނެވެ. އެފްޑީއޭގެ އޮފިޝަލުން މި ހަފުތާގައި ބުނީ، މެކްސިކޯގެ މެދުތެރޭގައި ހައްދާ ޓޭލާ ފާމްސްގެ ލެޓިއުސް އަށް އަދިވެސް ފޯކަސް ކުރަމުންދާ ކަމަށެވެ. އެ ކުންފުނިން ވަނީ ފާއިތުވި ހަފުތާގައި އައިސްބާގް ލެޓިއުސް އަނބުރާ ގެންދާނެ ކަމަށް އިޢުލާނުކޮށްފައެވެ.
އެކަމަކު މެކްސިކޯގެ ޞިއްޙީ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނީ، ގުއަނަހުއާޓޯ ސްޓޭޓުގައި ހުންނަ ޓޭލާ ފާމްސްގެ ޕްލާންޓުގެ ލެޓިއުސް އިން ވިޔަސް، ފެނުން ވިޔަސް މި ޕެރަސައިޓް ފެނިފައި ނުވާ ކަމަށެވެ. މި ނަތީޖާ އިޢުލާނުކުރީ ޖުލައި 18 އިން 20 އަށް އެ ޕްލާންޓަށް ޒިޔާރަތްކޮށް، އައިސްބާގް ލެޓިއުސްގެ 10 ސާމްޕަލާއި ފެނުގެ ހަތަރު ސާމްޕަލް ނެގުމަށް ފަހުގައެވެ.
ލެޓިއުސް ފަތް އަލުން ކެވޭނީ ކޮން އިރަކުންތޯ ސުވާލުކުރުމުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުކުރު ދުވަހު ބުނީ، "ލެޓިއުސްގެ ސަބަބުން މެކްސިކޯއަށް ބޮޑު ޓެރިފެއް، ޓެކްހެއް ޖަހާނަން" ކަމަށެވެ. މީގެ އިތުރުން، 72 މީހަކަށް ޖެހުނު ސައިކްލޮސްޕޯރާގެ ވަކި ރާޅެއް ބުރާސްފަތި ދުވަހު އެފްޑީއޭ އިން ދަނީ ބަލަމުންނެވެ. އެ ބައްޔާ ގުޅިފައިވާ ބާވަތްތައް އަދި ދެނެގަނެވިފައެއް ނުވެއެވެ.
މި އަހަރު އެމެރިކާގައި ސައިކްލޮސްޕޯރާ ފެތުރުނު މިންވަރު ވަނީ ރެކޯޑަކަށް އަރައިފައެވެ. މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ލެބޯޓަރީން ކަށަވަރުކުރެވުނު 4،100 އަށްވުރެ ގިނަ ކޭސް ސީޑީސީއަށް ރިޕޯޓުކޮށްފައިވާއިރު، 41 ސްޓޭޓެއްގައި ބަލި ޖެހިފައިވާ ކަމަށް ބެލެވޭ 7،400 އަށްވުރެ ގިނަ ކޭސް ދަނީ ބަލަމުންނެވެ. ތަޙުޤީޤު ކުރިއަށްދާ ވަރަކަށް އިތުރު ބްރޭންޑްތަކާއި ރެސްޓޯރަންޓުތަކާއި ސަޕްލައި ޗެއިންތައް މި ބައްޔާ ގުޅިފައިވެދާނެ ކަމަށް ފެޑެރަލް ޞިއްޙީ އޮފިޝަލުން ބުނެފައިވެއެވެ.
ސައިކްލޮސްޕޯރާ އަކީ ލޮލަށް ނުފެންނަ ވަރުގެ ކުޑަ ޕެރަސައިޓެކެވެ. މި ޕެރަސައިޓް ކާނާގައި އަށަގަންނަނީ އިންސާނުންގެ ނަޖިހާ ބައްދަލުވުމުންނެވެ. ޢާންމުކޮށް މިކަން ދިމާވަނީ ތަރުކާރީ އަށް ފެން ދިނުމުގައި ނުވަތަ ދޮވުމުގައި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުމުންނެވެ. ބަނޑަށް ދިޔުމުން ބޭރަށްހިންގުމުގެ ބަލި ޖެހި، ގިނަ ފަހަރު ބާރަށް ބޭރަށްހިންގާ ކަމަށް ސީޑީސީން ބުނެއެވެ.