Advertisement

ސަޢޫދީ މުޝީރު ޕްރިންސް މަންޞޫރު ރައީސް މުޢިއްޒުގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި

25 Jul 2026 | 16:10
މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނާއި ރައީސް ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފިއެވެ.

ޕްރިންސް ޑޮކްޓަރ މަންޞޫރަކީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސަޢޫދީ ވަޒީރުންގެ މަޖިލީހުގެ މެންބަރެކެވެ.

Advertisement

އެމަނިކުފާނު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ދަޢުވަތަކަށް ސަޢޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުންނެވެ. މާލެ ވަޑައިގެންނެވުމުން ރަސްމީ އިއްޒަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސް މަންޞޫރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ ދަޢުވަތު ޤަބޫލުފުޅުކުރެއްވީތީ ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވަނީ ސަޢޫދީން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ވަކީން ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައިދެއްވުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ކޮށްދެއްވި ކަންކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ޕްރިންސް ޑޮކްޓަރ މަންޞޫރު ވަނީ ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިން ރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންގެ މަޝްވަރާ ބައްޓަންކުރެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގެ މައްޗަށެވެ. ދީނީ އެއްބައިވަންތަކަމާއި ދެ ފަރާތުން ހިއްސާކުރާ ޤަދަރާއި އުސޫލުތަކުގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Advertisement

ކޮމެންޓް