މުޒާހަރާގައި ވަރަށް ހަރަކާތްތެރިކޮށް އުޅެނިކޮށް ޝަބާނާ އަޒްމީއަށް އޫރު ރޯގާ ޖެހިއްޖެ!
އިންޑިއާގެ ތަޖުރިބާކާރު ފިލްމީ ތަރި އަދި އެކްޓިވިސްޓެއް ކަމަށްވާ ޝަބާނާ އަޒްމީއަށް އޫރު ރޯގާ ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
ޝަބާނާ އަކީ މިހާރު އިންޑިއާގައި ޒުވާނުން ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ހަރަކާތްތެރިކަމާއި އެކު އެ ކުދިންނަށް ހިތްވަރުން ދެމުންދާ ފިލްމީ ދާއިރާގެ ފަންނާނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބަލި ޖެހި އޭނާ ވަރަށް ގަދައަށް ހުން އަންނަމުން ދާއިރު ހުން ހުރީ 102 ޑިގްރީގައި ކަމަށެވެ. އެހެންވެ ޑޮކްޓަރުން ވަނީ ހަރަކާތްތެރިވެ އުޅުން ހުއްޓާލައި އަރާމު ކުރުމަށް ލަފާ ދީފައި އެވެ.
ޝަބާނާގެ ޓީމުން ބުނީ މުޒާހަރާކުރާ މީހުންނާ އެކު ސާބިތުކަމާ އެކީ ހުރިކަމަށެވެ. ކަންކަން ހިނގަމުންދާ ގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ބަލައި އޭނާގެ ހާލަތުވެސް ހިއްސާ ކުރާނެ ކަމަށް ބުންޏެވެ.
ޝަބާނާ އަކީ މި މުޒާހަރާތަކުގައި ބައިވެރިވުމުގެ ކުރިންވެސް އިޖްތިމާއީ މައްސަލަތަކުގައި ވަކާލާތު ކުރި މީހެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފުރަތަމަ ބަލީގެ އަލާމާތްތައް ފެންނަމުން ދިޔަ އިރުވެސް އޭނާ މުޒާހަރާތަކުގައި ބައިވެރިވި އެވެ. އެގޮތުން އެއްވުމެއްގެ ތެރެއިން ޝަބާނާގެ ހާލު ގޯސްވެ ކުއްލި ފަރުވާވެސް މީގެ ދެތިން ދުވަސް ކުރިން ދިން ކަމަށް ބުނެފައިވެ އެވެ.
ޝަބާނާގެ ޓީމުން ބުނީ ރަނގަޅުވިހާ އަވަހަކަށް ޒުވާނުންގެ މުޒާހަރާ އާއި ގުޅެން ދާނެ ކަމަށެވެ.