Advertisement

ޣައްޒާ މަސްރަޙަށް ބަލައިލުމެއް: ހަމަލާ ހުއްޓައިލުމުގެ ނުވަ މަސް ފަހުން ވެސް ޙާލަތު ނާޒުކު

24 Jul 2026 | 10:53
-

އޮކްޓޯބަރު 2025 ގައި އެމެރިކާ މެދުވެރިވެގެން ޤާއިމުކުރި ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމަށް ނުވަ މަސް ވީ އިރު، ޣައްޒާގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ނާޒުކު ޙާލަތެއްގައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާ ބުނީ ހަމަލާ ހުއްޓައިލި ފަހުން އިސްރާއީލުގެ ހަމަލާތަކުގައި 1،185 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 3،816 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ހަނގުރާމަ ފެށިފަހުން ޖުމްލަ ޝަހީދުންގެ ޢަދަދު 73،293 އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

Advertisement

ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމުކުރި އިރު ޣައްޒާގެ ދެބައިކުޅަ އެއްބައި ކޮންޓްރޯލްކުރި އިސްރާއީލުން މިހާރު ވަނީ ޣައްޒާގެ ގާތްގަނޑަކަށް 70 އިންސައްތަ ބިމުގެ ކޮންޓްރޯލް ނަގައިފައެވެ. ނަތަންޔާހޫ ބުނީ މިއީ ހަމާސް ވަށައިލުމުގެ ރޭވުމެއް ކަމަށެވެ. ހަމާސް ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހެދުމާ ގުޅިގެން، އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ވަނީ ހުއްޓިފައެވެ. ގާތްގަނޑަކަށް ދެ މިލިއަން ފަލަސްޠީނު ރައްޔިތުން ވަނީ ދުވަހެއް ދުވަހަކަށް ހަނިވަމުންދާ ސަރަޙައްދުތަކަށް ބަންދުވެފައެވެ.

ބުރާސްފަތި ދުވަހު ނެރުނު އައިޕީސީ ރިޕޯޓުގައި ބުނީ ޣައްޒާގައި ކާބޯތަކެތީގެ ޙާލަތު ކުރިއާ އަޅައިބަލާ އިރު ރަނގަޅުވެ، ކާބޯތަކެތި ތަޣައްޔަރުވުމުގެ ޙާލަތު މިވަގުތަށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ޣައްޒާގެ ގިނަ ޢާއިލާތަކަށް އެކަށީގެންވާ ކާނާ ނުލިބޭ ކަމަށާއި، އެހީ ވައްދާ ހަމައެކަނި  ގޭޓު ކަމުގައިވާ ކެރެމް ޝަލޯމް ބަންދުކޮށްފި ނަމަ މި ކާމިޔާބީ ފަސޭހައިން ގެއްލިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. ޔުނިސެފުން ބުނީ ގިނަ ކުޑަކުދިންނަށް ރަނގަޅު ކާނާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ދާއިމީ ގެއްލުން ލިބިފައިވާ ކަމަށެވެ.

ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނީ ހަމަލާ ހުއްޓައިލި ފަހުން އިސްރާއީލުން 3،795 ފަހަރު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވައިގެ ހަމަލާ، ބޮޑުބަޑީގެ ހަމަލާ، ސީދާ ބަޑީގެ ހަމަލާ، ރައްޔިތުންގެ ގެދޮރު ތަޅައިލުން އަދި 149 ފަލަސްޠީނު ރައްޔިތުން ހައްޔަރުކުރުން ހިމެނެއެވެ. ބުރާސްފަތި ދުވަހު ވެސް ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި ޣައްޒާ ސިޓީއަށް ވައިގެ ހަމަލާ ދީ ހަތަރު ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ.

ސުލްޙައިގެ ރޯޑް މެޕް ވެސް ވަނީ ހުއްޓިފައެވެ. ހަމާސް ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހެދި އިރު، ޣައްޒާ ހިންގުމާ ހަވާލުވާން އެކުލަވައިލި ފަލަސްޠީނުގެ ޤައުމީ ކޮމިޓީއަށް ޣައްޒާއަށް ވަދެވޭ ގޮތް ނުވެ، ޢިމާރާތް ކުރުމާއި ޢާންމު ދިރިއުޅުން އެއްކޮށް ހުއްޓިފައި އޮތީ ކުރިއަށް ދާނެ މަގެއް ނެތި ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

ކޮމެންޓް