Advertisement

އަނެއްކާވެސް އަވަށްޓެރި އިންޑިއާގައި ފިރިއަކު މަރާލި މައްސަލައެއް - ސަބަބަކަށްވީ ސާޅީއެއް ގަނެ ނުދިނުން

22 Jul 2026 | 11:48
-

އިންޑިއާގެ މުންބައި ކައިރީ ތާނޭގެ ބަދްލާޕޫރް އީސްޓުގައި 30 އަހަރުގެ އަންހެނަކު ފިރިމީހާ މަރައިލި މައްސަލައެއްގައި ފުލުހުން އެ އަންހެންމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހާދިސާ ހިނގީ ޖުލައި 19 ވަނަ ދުވަހު ކަމަށެވެ. މަރުވީ ހަރީރާމް ކިޝުންޖީ ސިންގް (35 އަހަރު) އެވެ. ހައްޔަރުކުރީ އޭނާގެ އަންހެނުން ސުނީތާ ހަރީރާމް ސިންގް (30 އަހަރު) އެވެ. ދެމަފިރީންނަކީ ބިހާރުގެ ރޯހްތާސް ޑިސްޓްރިކްޓަށް ނިސްބަތްވާ ބައެކެވެ. ބަދްލާޕޫރުގައި ނުވަ އަހަރު ވަންދެން ދިރިއުޅެމުން ދިޔައީ ހަތް އަހަރުގެ ފިރިހެން ދަރިފުޅާ އެކުގައެވެ.

Advertisement

ތަޙުޤީޤުން އެނގުނު ގޮތުގައި ޒުވާބު ފެށުނީ ހަރީރާމް އޭނާގެ އަންހެނުންނަށް ސާޅީ ގަނެ ނުދިން މައްސަލައިގައެވެ. ޒުވާބު ހޫނުވެ، ސުނީތާ ޕްރެޝަރު ކުކަރުގެ މަތިގަނޑުން ފިރިމީހާގެ ގައިގައި ތެޅުމަށް ފަހު ކަރުގައި ހިފައި ނޭވާ ހާސްކޮށް މަރައިލީ ކަމަށް ފުލުހުން ބުނެއެވެ. ހަރީ ރާމް މަރަށް ތެޅެނިކޮށް ދެމަފިރީންގެ ހަތް އަހަރުގެ ދަރިފުޅު ގޭގެ ވެރިމީހާ ގާތަށް އެހީ ހޯދަން ދުވި ނަމަވެސް، އެހީ ލިބުމުގެ ކުރިން ހަރީރާމް މަރައިލައިފައިވެއެވެ.

ކުށް ފޮރުވުމަށް ސުނީތާ ގޭގެ ވެރިމީހާ ގާތު ބުނީ ޒުވާބަށް ފަހު ފިރިމީހާ ހާޓް އެޓޭކެއް ޖެހިގެން މަރުވީ ކަމަށެވެ. އެ ބަޔާނާ އެއްގޮތަށް ފުލުހުން ފުރަތަމަ ރެކޯޑް ކުރީ ގުދުރަތީ މަރެއްގެ ގޮތުގައެވެ. ނަމަވެސް ޕޯސްޓް މޯޓެމް ހެދުމުން ގުދުރަތީ މަރަކާ ނުގުޅޭ ޒަޚަމްތައް ފެނި، ތަޙުޤީޤު ފެށީއެވެ. ސުވާލުކުރުމުން ސުނީތާ ފިރިމީހާ މަރައިލި ކަމަށް އެއްބަސްވެފައިވާ ކަމަށް ބަދްލާޕޫރް އީސްޓް ޕޮލިސް ސްޓޭޝަންގެ ސީނިއާ އިންސްޕެކްޓަރު ނިތިން ޕާޓީލް ބުނެފައިވެއެވެ. ސުނީތާގެ މައްޗަށް ބާރަތީޔާ ނިޔާޔާ ސަންހީތާގެ ދަށުން މަރުގެ ދައުވާ އުފުލައިފައިވެއެވެ. ހަތް އަހަރުގެ ދަރިފުޅު މިހާރު ހުރީ ޢާއިލާގެ ބެލުމުގެ ދަށުގައެވެ.

Advertisement

ކޮމެންޓް