Advertisement

ސަރުކާރު ކުންފުނިތަކުގެ އޯޓީ އުސޫލު އެއްގޮތް ކުރަން ޕީސީބީން އަންގައިފި

21 Jul 2026 | 19:35
-

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު އެއްހަމައަކަށް ގެންނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީން މިއަދު (21 ޖުލައި) ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި އިރުޝާދު ދީފައި ވަނީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭ ގޮތަށް އުސޫލު ބަދަލުކުރުމަށެވެ. މި ނިންމުމުގެ މަޤުޞަދަކީ ހުރިހާ ކުންފުންޏެއް ވެސް އެއް އުސޫލަކަށް ޢަމަލުކުރުމެވެ.

Advertisement

މިހާރު ވެސް އޯޓީ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލާއި އައު 48 ގަޑިއިރުގެ އުސޫލު އަޅާ ކިޔައި، ކުންފުންޏަށް މާލީ ގޮތުން އެންމެ ފައިދާ ބޮޑު އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރު ކުރުމަށް ވެސް ޕީސީބީން ވަނީ އިރުޝާދު ދީފައެވެ.

މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވާނެ ކަމަށް ބެލެވެއެވެ. ޕީސީބީން އަންގާފައި ވަނީ 30 ޖުލައި 2026 ގެ ކުރީން އުސޫލަށް ގެންނަން ޖެހޭ ބަދަލުތައް ނިންމުމަށެވެ. އައު އުސޫލަށް ޢަމަލުކުރަން ފަށާނީ އެއް އޮގަސްޓް 2026 އިން ފެށިގެންނެވެ.

ސަރުކާރު ކުންފުނިތައް ފައިދާގައި ހިންގުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު 33 އިންސައްތަ މަދުކުރުމަށް ވެސް ޕީސީބީން ވަނީ މީގެ ކުރީން ކުންފުނިތަކަށް އަންގައިފައެވެ.

Advertisement

ކޮމެންޓް