ހަކުރު ބައްޔާ ހަނގުރާމަކުރާ މީހުން ކެއުމަށްފަހު 10 މިނެޓު ހިނގާލުމުން މުހިންމު!
ކެއުމަށްފަހު އެންމެ 10 ވަރަކަށް މިނެޓު ހިނގާލުމަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށާއި ހަޖަމުގެ ނިޒާމު ރަނގަޅުކުރުމަށް ނުހަނު ފައިދާ ހުރި ކަމެއް ކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެފިއެވެ.
ގިނަ މީހުންނަކީ ރަނގަޅަށް ކައި ނިމިގެން ސޯފާގައި ޖައްސައިލާ ނުވަތަ ވަގުތުން މަސައްކަތަށް ރުޖޫޢަވާ މީހުންނެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރާގޮތުގައި ކެއުމަށްފަހު މަޑުމައިތިރި ހިނގާލުމެއް ހިނގައިލުމުން ކާބޯހައިޑްރޭޓްސް ގުލްކޯޒަށް ބަދަލުވެ ލޭގެ ތެރެއަށް ވާޞިލުވާ ދުވެލި މަޑުޖެހެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ލޭގައި ހަކުރު ކުއްލިއަކަށް އުފުލޭ މިންވަރު ދަށްވެ ހަށިގަނޑުން ދޫކުރަންޖެހޭ އިންސިއުލިންގެ މިންވަރުވެސް މަދުވެއެވެ. ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައިވެސް ކެއުމަށްފަހު ލުއި ހިނގާލުމެއް ހިނގުމުން ލޭގެ ހަކުރުގެ ލެވެލް ރަނގަޅުވާ ކަމަށް ބުނެފައިވެއެވެ.
ޚާއްޞަކޮށް ހަކުރު ބައްޔާއި އިންސިއުލިން ރެޒިސްޓެންސް ހުންނަ ފަރާތްތަކަށް މީގެ ފައިދާ ބޮޑު ކަމަށް އެ ދިރާސާއިން ދައްކައެވެ.
ހަޖަމުގެ ނިޒާމަށް ލިބޭ ފައިދާތަކާ ގުޅޭ ގޮތުން ތަޖުރިބާކާރުން ބުނާގޮތުގައި ހިނގާލުމުން ހަޖަމުގެ ނިޒާމާއި ވޭގަސް ނާރު ހީވާގިވެ ކާ އެއްޗެހި ގޮހޮރުގެ ތެރޭގައި ހަލުއިކޮށް ދައުރުވާން ފަށާ ކަމަށެވެ. މީގެ ސަބަބުން ބަނޑު ފުއްޕުމާއި ގޭސް ހެދުން ލުއިވެ ކެއުމަށްފަހު ދިމާވާ ބަރުހެލިކަންވެސް ކުޑަވެއެވެ.
ހަމައެއާއެކު ކައި ނިމިގެން ވަގުތުން އޮށޯތުމުން ގޭސް މައްޗަށް އެރުން ގޯސްވެދާނެ ކަމަށާއި މަޑު ހިނގާލުމެއް ހިނގުމުން ކާ އެއްޗެހި ހަޖަމުގެ ނިޒާމުގެ ތެރެއިން ދައުރުވެ ގެސްޓްރިކް އެސިޑުގެ އުނދަގޫ ކުޑަވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އިތުރަށް ހިނގާލާއިރު މަސްތަކުން ގުލްކޯޒް ހަކަތައަށް ބޭނުންކުރާތީ އިންސިއުލިނަށް ބަރޯސާނުވެ ލެއިން ހަކުރު ބޭނުންކުރެވޭ މިންވަރު އިތުރުވެ ދިގު މުއްދަތުގައި އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކެއުމަށްފަހު ހިނގާލަން އެންމެ ރަނގަޅު މުއްދަތަކީ 10 އާއި 12 މިނެޓާ ދެމެދުގެ ވަގުތެއް ކަމަށާއި މެންދުރު ނުވަތަ ރޭގަނޑު ކެއުމަށްފަހު ނޫނީ ދުވާލުގެ އެންމެ ބޮޑު ކެއުމަށްފަހު މަޑުން ނުވަތަ ބާރު ހިނގުމެއްގައި ހިނގާލުން ރަނގަޅެވެ. ނިއުޓްރިޝަނިސްޓް ރޫޕާލީ ދައްތާ ފާހަގަކުރާ ގޮތުގައި ހަކުރު ބައްޔާއި އިންސިއުލިން ރެޒިސްޓެންސް ހުންނަ ފަރާތްތަކުން ކެއުމުގައި ހޯލް ގްރެއިންސް ޕަލްސް ފެހި ފަތް ނަޓްސް އަދި ސީޑްސް ފަދަ ބެލެންސް ޑައެޓެއް ގެންގުޅުން މުހިންމެވެ.
ކެއުމަށްފަހު ކުޑަ ހިނގާލުމެއް ހިނގައިލުން ފަދަ ކުދިކުދި އާދަތަކާ އެކު ރަނގަޅު ކެއުމުގެ އާދަތައް ހިމަނައިގެން ގެންދިޔުމަކީ ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް ފައިދާ ހުރި ގޮތެކެވެ.