Advertisement

އިޒްރޭލު ހަމަލައެއްގައި ދެމަފިރިއަކާއި ތިން ދަރީން ޝަހީދު — ޢުމުރުން 13 އަހަރުގެ ނިސްމާން ސަލާމަތްވީ ގޭގައި ނެތުމުން

21 Jul 2026 | 07:00
ހަމަލައިން ސަލާމަތްވި އައިމަން ނިސްމާން، ޢާއިލާ މެންބަރުންގެ ޖަނާޒާގައި -

ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ނަޞްރު އަވަށުގައި ހުރި ދިރިއުޅޭ އެޕާޓްމެންޓަކަށް ހޮނިހިރު ދުވަހު (ޖުލައި 18) އިޒްރޭލުން ދިން މިސައިލް ހަމަލާގައި ނިސްމާން ޢާއިލާގެ ފަސް މެންބަރުން ޝަހީދުވެއްޖެއެވެ.

ޝަހީދުވީ ބައްޕަ އަދުހަމް އިބްރާހީމް ޝަޢުބާން ނިސްމާން (42 އަހަރު) އާއި މަންމަ މަރުވާ ނާޔިފް މުޙައްމަދު ނިސްމާން (39 އަހަރު) އާއި އެ ދެމެފިރީންގެ ތިން ދަރީންނެވެ. ތިން ދަރީންނަކީ ޔަޙްޔާ (17 އަހަރު) އާއި އިބްރާހީމް (15 އަހަރު) އާއި ޢަރްވާ (8 އަހަރު) އެވެ. ޢާއިލާ އިން ސަލާމަތްވީ ޢުމުރުން 13 އަހަރުގެ އައިމަން ނިސްމާން އެކަންޏެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ބުނީ އައިމަން ސަލާމަތްވީ ހަމަލާ ދިން ވަގުތު ގޭގައި ނެތުމުން ކަމަށެވެ.

Advertisement

މި ހަމަލާގައި އެ ޢިމާރާތުގެ ތެރޭގައި އަދި ވަށައިގެން ތިބި އެހެން ރައްޔިތުންގެ ތެރެއިން ހަ މީހަކު ޒަޚަމްވިއެވެ. ޒަޚަމްވީ މީހުންގެ ތެރޭގައި ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ކުޑަކުދިން ހިމެނެއެވެ. ހަށިތައް ޝިފާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު މުޙައްމަދު އަބޫ ސަލްމިއްޔާ ބުންޏެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ޙަމާސްގެ ހަނގުރާމަވެރިއަކަށް އަމާޒުކުރީ ކަމަށާއި ހަމަލާގެ ނަތީޖާ ބަލަމުން ދާ ކަމަށެވެ.

ހޮނިހިރު ދުވަހު ޣައްޒާ ސިޓީގައި ޒައިތޫން އަވަށަށް ދިން ވަކި ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވެ، އެ ދުވަހު ޖުމްލަ ނުވަ ފަލަސްޠީނު ރައްޔިތުން ޝަހީދުވިއެވެ. އޮކްޓޫބަރު 2025 ގައި ހަމަލަ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ވުޖޫދަށް އައި ފަހުން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދެއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާ ގެ ތަފާސްހިސާބު ދައްކާ ގޮތުން އެ އެއްބަސްވުމަށް ފަހު 1,144 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 3,700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މާތް ﷲ ޝަހީދުވީ ފަރާތްތަކަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ.

Advertisement

ކޮމެންޓް