Advertisement

އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ، އެ މަސައްކަތް ފަށައިފިން: ޑރ. ޝާހު މާހިރު

20 Jul 2026 | 08:58
-

އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ލިބެން ހުންނަންޖެހޭ ކަމަށާއި އެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝާހު މާހިރު ވިދާޅުވީ، މުޅި ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ގޮންޖެހުމަކީ ބޭހަށް ނުގުޑާ މައްސަލަ ނުވަތަ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުމުގެ މައްސަލަ ކަމަށެވެ. މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެންޓިބަޔޮޓިކުގެ ހުރިހާ ބާވަތްތަކެއް ރާއްޖެ އިން ފަސޭހައިން ލިބެން ހުރުން މުހިންމު ކަމަށާއި، ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement

ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖޭގައި ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ދުރާލައި އާބާދީ އަށް ބޭނުންވާ ވަރަށް ބޭސް ގަނޑުކޮށް ގަނެ، ސްޓޮކް މަދުވުމުން ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. ކުރިން ރާއްޖެ އިން ނުލިބޭ ބޭސް ޕްރިސްކްރިޕްޝަނަށް ވަކިވަކިން އޯޑަރުކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދުރާލައި ފޯކާސްޓެއް ހަދައި، އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކުރާނެ ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ކުންފުންޏެކެވެ. އެސްޓީއޯގެ ދަށުން ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް މަސައްކަތް ފަށައިފައެވެ.

Advertisement

ކޮމެންޓް