Advertisement

42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދަން އިންޑިއާއާ އެކު ފަހުމުނާމާގައި ސޮއިކޮށްފި

19 Jul 2026 | 22:35
-

ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާގައި ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ފޮރިން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މަޝްރޫޢު ތަންފީޒުކުރާ ފަރާތުގެ ގޮތުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މި ސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު ރާފިޢު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމަށެވެ. ދެ ވަޒީރުން ވެސް ވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

Advertisement

ކޮމެންޓް