ދިވެހީންނަށް ތައިލޭންޑް ފްރީ ވިސާ 60 ދުވަހުން 30 ދުވަހަށް މަދުކުރަން ނިންމައިފި
ތައިލޭންޑަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް މަދުކުރަން އެ ޤައުމުގެ ކެބިނެޓުން ނިންމައިފިއެވެ.
ތައިލޭންޑުގެ ޓޫރިޒަމް އިދާރާ (ޓީއޭޓީ) އިން މި މަހުގެ 16 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވިސާގެ އައު އުސޫލުތައް ކެބިނެޓުން ފާސްކޮށްފައިވީ ނަމަވެސް، އަމަލުކުރަން ފަށާނީ އެކަމާ ގުޅޭ އިޢުލާނުތައް ރަސްމީ ގެޒެޓުގައި ޝާއިޢުކުރާތާ 15 ދުވަސް ފަހުންނެވެ. އެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ. އެހެންކަމުން، އެ ދުވަހާ ހަމައަށް މިހާރު އޮތް ގޮތަށް 60 ދުވަހުގެ މުއްދަތު ދިވެހީންނަށް ލިބޭނެއެވެ.
އައު އުސޫލަކީ "އެއް ޤައުމަކަށް އެއް ގިންތި" އުސޫލުން، ކޮންމެ ޤައުމެއް ތިން ގިންތީގެ ތެރެއިން ގިންތިއަކަށް ކަނޑައަޅާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އެއީ 30 ދުވަހުގެ ފްރީ ވިސާ، 15 ދުވަހުގެ ފްރީ ވިސާ އަދި ވިސާ-އޮން-އެރައިވަލްއެވެ. ޖުމުލަ 65 ޤައުމެއް މި އުސޫލުގައި ހިމެނޭއިރު، ރާއްޖެއާއި އިންޑިއާ އަދި ޔޫރަޕިއަން ޔޫނިއަންގެ 27 ޤައުމު ހިމެނޭ ގޮތަށް 59 ޤައުމަކަށް ލިބޭނީ 30 ދުވަހުގެ ފްރީ ވިސާއެވެ. މޮރިޝަސް އާއި ސީޝެލްސްއަށް ލިބޭނީ 15 ދުވަހެވެ.
އައު އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ތައިލޭންޑަށް އެތެރެވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ދީފައިވާ މުއްދަތު ފުރިހަމަކުރެވޭނެ ކަމަށް ވެސް ޓީއޭޓީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފްރީ ވިސާ ލިބުނު ނަމަވެސް، ތައިލޭންޑަށް އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ކުރިއެކޭ އެއްގޮތަށް ފުރިހަމަކުރަންޖެހޭނެއެވެ.
ދިވެހީން ހިމެނޭ ގޮތަށް 93 ޤައުމެއްގެ ރައްޔިތުންނަށް 60 ދުވަހުގެ ފްރީ ވިސާ ތައިލޭންޑުން ދޭން ފެށީ ޖުލައި 2024 ގައެވެ. ނަމަވެސް އެ މުއްދަތުގެ ނާޖާއިޒު ފައިދާ ނަގައި، ހުއްދަ ނެތި މަސައްކަތްކުރުން ފަދަ ކަންކަން ބައެއް ފަރާތްތަކުން ކުރަމުންދާ ކަމަށް ބުނެ، އެ އުސޫލު އުވާލަން މި އަހަރުގެ މެއި މަހު އެ ޤައުމުގެ ކެބިނެޓުން ނިންމިއެވެ. މިހާރު ފާސްކުރި އައު ގިންތިތަކަކީ އޭގެ ބަދަލުގައި ގެންނަ ނިޒާމެވެ.