ސަރުކާރު ކުންފުނިތަކުން ތިން މަހުގެ ތެރޭ 33 ޕަސެންޓް މުވައްޒަފުން މަދުކުރަން ޕީސީބީން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ޢަދަދުން ތިންބައިކުޅަ އެއްބައި މަދުކުރުމަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ސުންގަޑިއެއް ކަނޑައަޅައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސާކިއުލާއެއް ނެރެފިއެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގުނާ ގޮތަށް ކަނޑައެޅި މި މުއްދަތުގެ ތެރޭގައި 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް އާދީއްތަ ދުވަހު ނެރުނު ސާކިއުލާގައި އެންގީ މިދިޔަ އެޕްރީލް މަހު ހަމަ އެ ލަނޑުދަނޑި ހާސިލުކުރަން ފޮނުވި ސާކިއުލާއާ ހަވާލާދީ ކަމަށް ޕީސީބީން ބުނެފައިވެއެވެ. ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު ޕީސީބީއަށް ހުށަހެޅުމަށް ވެސް އެ ސާކިއުލާގައި ވަނީ އަންގައިފައެވެ.
މިހާރު ވެސް ބައެއް ކުންފުނިތަކުން މި މަސައްކަތް ފަށާފައިވާ އިރު އެޗްޑީސީ އާއި ފެނަކައިން ވަނީ އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާ އެކު އެ ފުރުސަތު ހުޅުވައިލައިފައެވެ.