ހާންޖީ ރެސްޓޯރެންޓެއްގެ ކައްކާގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ
ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝް ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އެ ތަނުގެ ކައްކާ، ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އާބިދު ޝަރީއަތުގައި ކުށަށް އިންކާރުކޮށް ބުނެފައިވަނީ ދެ މީހުންގެ ދެމެދުގައި ޖެހުނު ހަމަނުޖެހުމެއްގައި އަމިއްލަ ނަފުސު ދިފާއުކުރަން އަތް ހޫރައިލި ވަގުތު ހަމަލާ ދެވުނީ ކަމަށާއި އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށެވެ. ނަމަވެސް ގާޒީ އަހްމަދު ޝާފިއު ކަނޑައެޅުއްވީ ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ރުޅިވެރިކަމާ އެކު ވަޅިން ހަމަލާ ދިން ކަން ހެކިންގެ ބަހުން ސާފުވާ ކަމަށާއި އެއީ ފުރާނަ ގެއްލިދާ ފަދަ އަމަލެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
މި ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވިއިރު އާބިދުގެ މައްޗަށް އަދަބު ކަނޑައެޅުން އޮތީ މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހުގައެވެ.