ޔަމާލް ކުޑައިރު އެކުގައި ނެގި ފޮޓޯއާ ގުޅޭގޮތުން މެސީ ވާހަކަ ދައްކައިފި!
އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް މީގެ 19 އަހަރު ކުރިން ނެގި ފޮޓޯތަކާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް މެސީ ވާހަކަ ދައްކައިފި އެވެ.
އެ ފޮޓޯއަކީ ބާސެލޯނާގެ ސްޓޭޑިއަމްގައި ނޫސް މަޖައްލާއެއް ކަމަށްވާ "ސްޕޯޓް" އަދި ޔުނިސެފް ގުޅިގެން ތައްޔާރުކުރި ހަދިޔާ ކަލަންޑަރަކަށް ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ ނަގާފައިވަނީ ޔަމާލް ތުއްތު ދުވަސްވަރު 2007ގައެވެ.
18 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލްގައި މި ދެ ކުޅުންތެރިން މާދަމާރޭ ބައްދަލުކުރާނެއެވެ. މިދުވަސް ވަރު އިންޓަނެޓް އަދި ނޫސްތަކުގައި އެންމެ ހިނގާ ފޮޓޯ އަކީ އެއީ އެވެ.
އަދި މި ފޮޓޯ އާއި ގުޅޭގޮތުން މެސީ މިހާރު ބުނަނީ ކީކޭތޯ ބަލަން ވަރަށް ގިނަ މީހުން ބޭނުންވެ އެވެ. އެންމެ ފަހުން މެސީ ވަނީ ނޫސްވެރިއަކު ފޮޓޯ އާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދީފައި އެވެ.
ފީފާގެ ފެނަޓިކްސް ފެސްޓް ނިއު ޔޯކްގައި އިއްޔެ ވާހަކަ ދައްކަމުން މެސީ ބުނީ ޔަމާލް ތުއްތު ދުވަސްވަރު އޭނާއާއެކު ފޮޓޯއެއް ނެގުނު ކަމަށާއި ދެ މީހުން މިހާރު އެއް ފައިނަލެއްގައި ކުޅޭ ކަމީ ޤަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. ޔަމާލްއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށާއި އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް މެސީ ބުންޏެވެ.
މެސީ ބުނީ އެ ފޮޓޯ އަކީ ހީވެސް ނުކުރާހާ ބޮޑު ކަމެއް ކަމަށެވެ. އިތުރަށް ބުނީ ޔަމާލް ކިތަންމެ މޮޅު ނަމަވެސް ފައިނަލްގައި ޔަމާލްގެ މޮޅު ކުޅުމުން ދުރުކުރަން އާޖެންޓީނާ އަދި މެސީވެސް މަސައްކަތް ކުރާނެ ކަމަށެވެ.
މެސީ ބުނީ ސްޕެއިން އަކީ ވަރުގަދަ ޓީމެއް ނަމަވެސް އެމީހުންގެ އަތުގައި އެ ޓީމު ހުއްޓުވަން އަމިއްލަ ހަތިޔާރު ހުރި ކަމަށެވެ.
އެ ފޮޓޯ އާއި ގުޅޭގޮތުން ޔަމާލް ނިސްބަތްވާ ސްޕެއިން ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މިކެލް މެރީނޯ ބުނީ ފުރަތަމަ ފޮޓޯ ފެނުމުން ހީކުރީ އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ. އޭނާ ބުނީ އެދެނީ ޔަމާލްވެސް މެސީ ފަދަ މޮޅު ކުޅުންތެރިއަކަށް ވުން ކަމަށެވެ.
ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާގެ ނިއު ޖާޒީގައި އެވެ. މެޗު ފެށޭނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ގައި އެވެ.