Advertisement

ޣައްޒާ މަސްރަޙް: ޖަނާޒާއެއް ކުރިއަށްދަނިކޮށް އިޒްރޭލުން ދިން ހަމަލައެއްގައި ފަސް ފުރާނައެއް ގެއްލި - އިއްޔެ ޝަހީދުވި އަދަދު 14 އަށް

18 Jul 2026 | 06:05
-

ޣައްޒާގެ މެދުތެރޭ ނުޞެއިރާތު ރެފިއުޖީ ކޭމްޕުގައި ހުކުރު ދުވަހު (17 ޖުލައި) ޖަނާޒާއެއް ކުރިއަށްދަނިކޮށް އިޒްރޭލުގެ ޑްރޯނުން ހަމަލާ ދީ ފަސް މީހުން ޝަހީދުކޮށް 22 މީހުން ޒަޚަމްކޮށްލައިފިއެވެ.

ބާއްވަމުން ގެންދިޔައީ ހަމަ އެ ދުވަހު ހެނދުނު ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްޠީނު ރައްޔިތެއްގެ ޖަނާޒާއެވެ.

Advertisement

އަލްޢައުދާ ހޮސްޕިޓަލުން ބުނީ ޖަނާޒާ ހަމަލާގައި ފަސް މީހުން ޝަހީދުވެ 22 މީހުން ޒަޚަމްވި ކަމަށެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނީ އަޙުމަދު ޔާސީން މިސްކިތުން ނުކުމެ ޖަނާޒާ ހިނގާލުން ފެށި ވަގުތު ޑްރޯނުން ހަމަލާ އެރީ ކަމަށެވެ. ޙަމާސް އިން މި ހަމަލާ ސިފަކުރީ ޖަނާޒާގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހިންގި "ގަތުލުޢާންމެއްގެ" ގެ ގޮތުގައެވެ. ވަކިވަކި އެހެން ހަމަލާތަކުގައި އިތުރު ފަސް މީހުން ޝަހީދުވެ، ހުކުރު ދުވަހުގެ ޖުމްލަ 14 އަށް އެރިއެވެ.

އިޒްރޭލު ސިފައިން ބުނީ ނުޞެއިރާތު ހަމަލާ އަމާޒުކުރީ ޕެލެސްޓައިނިއަން އިސްލާމިކް ޖިހާދުގެ ސެލް އަކަށް ކަމަށެވެ. ނަމަވެސް ޢާންމުންނަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓްތައް ލިބޭ ކަމަށް ބުންޏެވެ.

ހަނގުރާމައިގެ ތަފާސްހިސާބު ދިރާސާކުރާ ޖަމާޢަތެއް ކަމުގައިވާ އޭސީއެލްއީޑީ އިން ބުދަ ދުވަހު ބުނީ ޖޫން މަހު 40 އަށް ވުރެ ގިނަ ހަމަލާ ރެކޯޑް ކުރެވުނު ކަމަށެވެ. ޖޫން މަހަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރުގައި ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމަށް ފަހު އެންމެ ގިނައިން ހަމަލާ ދިން މަހެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ 275 ދުވަހުގެ ތެރޭ 3,689 ފަހަރު އެއްބަސްވުމާ ޚިލާފުވެ، 1,122 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް 3,599 ޒަޚަމްކޮށްފައިވާ ކަމަށެވެ.

އޮކްޓޯބަރު 2023 ގެ ފަހުން ޣައްޒާގެ ޖުމްލަ ޝަހީދުންގެ ޢަދަދު 73,000 އަށް ވުރެ މައްޗަށް ގޮސް 173,000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ. ޣައްޒާގައި ގާތްގަނޑަކަށް ދެ މިލިއަން ރައްޔިތުންގެ ބޮޑު ބައެއް ދިރިއުޅެމުން އަންނަނީ ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައެވެ. 

Advertisement

ކޮމެންޓް