މާލޭ މަގުތައް ޒަމާނީކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވެއްޖެ
މާލޭގެ މަގުތައް އެއްކޮށް ޒަމާނީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީކުރުމާ ބެހޭ ގޮތުން "ވަން އޮންލައިން" ނޫހުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މި ފަހަރުގެ ޕޮޑްކާސްޓް ހާއްސަކުރެއްވީ މާލޭގެ މަގުތައް ތަރައްގީކުރުމުގެ މައުޑޫއަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއް މީގެ ކުރިން ހިންގާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ކަމަށެވެ. އެއަށްފަހު އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބަލަހައްޓާފައި ނުވާކަން ފާހަގަކުރައްވައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫއު ފުރިހަމަވުމުން ފެން ހިންދުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި އިމާރާތްކުރުމަށް ބޭނުންވާ ޑީވޯޓަރިންގ ނިޒާމާއި އަލިފާން ނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓް ނިޒާމު މަގުތަކާއެކު ގާއިމުވެގެންދާނެކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގައި ނުހިމެނޭ ބޮޑުތަކުރުފާނު މަގު ޒަމާނީކުރުމުގެ މަސައްކަތާ ބެހޭ ގޮތުންވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ދެވަނަ ފިޔަވަހީގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް ނިމި އަންނަ ހަފުތާގައި އެ މަގު ހުޅުވުމަށް ތައްޔާރުވަމުންދާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭ ފަދަ ޕާކިންގ ސަރަހައްދެއް ކަނޑައަޅާފައިވާނެކަމަށާއި މި މަގު ނިމުމުން އެކަމުގެ ފައިދާ އެ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަނި ނޫން އެތެރޭގެ މަގުތަކަށްވެސް ލިބޭނެކަން މިހާރު ބޭނުންކުރާ ސަރަހައްދުގެ ޓްރެފިކް ފްލޯއިން ސާބިތުވާކަމަށް ފާހަގަކުރެއްވިއެވެ.
މި ފިޔަވަހި ނިމުމުން ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށޭނެކަމަށާއި މިއީ އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ބައި ކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ފިޔަވަހިތަކެއް ފުރިހަމަވުމުން ބާޒާރުމައްޗާއި ވިޔަފާރި ސަރަހައްދުގައި ދުއްވާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނެކަމަށާއި ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ބައެއް ތަރައްގީކުރެވޭތީ އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ އިތުރުވާނެކަމަށްވެސް ވިދާޅުވިއެވެ.
މިފަދަ މަޝްރޫއުތަކުން މާލޭގެ ތޮއްޖެހުމަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް ދާއިމީ ހައްލެއް ލިބޭނީ މައްސަލައިގެ އަސްލަށް ހައްލު ހޯދިގެންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ހިދުމަތްތަކާއި ފުރުސަތުތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށް ސަރަހައްދީ ތަރައްގީ ގެނައުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި މި ދުރު ރާސްތާ ހައްލާއެކު މާލޭގެ ތޮއްޖެހުމުގެ މައްސަލަ އަމިއްލައަށް ހައްލުވެގެންދާނެކަމަށް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ދިރިއުޅޭކަން ފާހަގަކުރައްވައި މަގުހެދުމުގެ މަޝްރޫއާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެ ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދަނީ މިހާރު އެ ސަރަހައްދަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދިނުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.