ދިވެހިރާއްޖޭގެ އަޑުން ޕްރެޒެންޓަރުކަމުގެ ފުރުޞަތާއެކު ބީއާރްޕީގެ ފަޚުރުވެރި އެއްވަނަ ޝަހާމާއަށް
ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ހަތްވަނަ ސީޒަންގެ ފަޚުރުވެރި އެއްވަނަ، ހއ. އިހަވަންދޫ، ބުލްބުލާގެ، މަރްޔަމް ޝަހާމާ ހޯދައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ.
މުބާރާތުގެ ވަނަތައް ހޮވައި އިނާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޝަހާމާއަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ތަރިކައާއި ސަޤާފަތާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. އެއްވަނައިގެ އިނާމުގެ ގޮތުގައި ޝަހާމާއަށް 50,000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ފަރީ ޙައްޖު އުމްރާއިން ދޭ ޢުމްރާ ދަތުރެއް ލިބުނުއިރު، ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ވެސް ވަނީ ދީފައެވެ.
މުބާރާތުގެ ދެވަނަ ހޯދީ ރ. ފައިނު، އައްސޭރި، ނަފްޙާ ނަސީމެވެ. ތިންވަނަ ހާސިލްކުރީ ށ. މިލަންދޫ، އަންނާރުމާގެ، މަރްޔަމް ޘާނީއެވެ. މި ސީޒަންގެ ގަދަ ތިން ބައިވެރިން ވެސް ނިސްބަތްވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވަނީ، މުބާރާތުގެ ބައިވެރިންނަށް ލިބޭ މަޤުބޫލުކަމާ އެކު ނަމޫނާ ބަޔަކަށް ވުމަށާއި، ފުރިހަމަ އަޚްލާޤާއި ފަރުވާތެރިކަމާ އެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. ހުށަހެޅުންތެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވަޒީރު ފާހަގަކުރެއްވީ، މި ދާއިރާއިން ލިބެން ހުންނަ ތަމްރީނުތައް މަދު ކަމަށާއި، މުބާރާތުން ލިބުނު ތަމްރީނުތަކުގެ ބޭނުން ބައިވެރިން ފުރިހަމައަށް ހިފަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި ދާއިރާއަށް ނުކުތް އިރު މިކަހަލަ ތަމްރީންތަކެއް ނުލިބޭ. އޭރު ލިބުނީ ވަރަށް ކުޑަ ލެވެލްއެއްގެ ތަމްރީނެއް. ތިބޭފުޅުންނަށް ތަމްރީންލިބުނީ އެންމެ ހުނަރުވެރި ބޭފުޅުންގެ ފަރާތުން،" ވަޒީރު ހީނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، މުބާރާތުގެ އަށްވަނަ ސީޒަންގެ ފުރަތަމަ ބުރު ކުރިއަށްގެންދަން ބޭނުންވަނީ އަތޮޅުތެރޭގައި ކަމަށެވެ. އަދި ވާހަކަދެއްކުމާއި، ހުށަހެޅުމާއި، ލިޔުން ފަދަ ތަމްރީނުތަކުގެ ތެރެއިން ބައިވެރިން ބައްޓަންވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް، އެ ދާއިރާއިން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މި މުބާރާތަކީ ރާއްޖޭގެ އެންމެ މަޤްބޫލު އެއް ރިއަލިޓީ ޝޯއެވެ.