Advertisement

ފާޑުކިޔުންތަކަށް މެސީގެ ރައްދު - އަހަރުމެންނަކީ މިދިޔަ ހަތަރު އަހަރުވެސް އެންމެ މޮޅު ޓީމު

17 Jul 2026 | 11:55
-

ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ރެފްރީންގެ އެހީ ލިބޭ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެމުން، މިދިޔަ ހަތަރު އަހަރު ވެސް ދުނިޔޭގެ އެންމެ މޮޅު ޓީމަކީ އާޖެންޓީނާ ކަމަށާއި، އެއްވެސް ކަމެއް އެ ޓީމަށް ހިލޭ ލިބިފައި ނުވާ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނީ މި މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ އެޓްލާންޓާގައި ކުޅުނު ސެމީ ފައިނަލްގައި އިންގްލެންޑް 2-1 އިން ބަލިކުރުމަށްފަހުއެވެ. މެޗުގެ 85 ވަނަ މިނެޓާ ހަމައަށް 1-0 އިން ފަހަތުގައި އޮތުމަށްފަހު އާޖެންޓީނާ މެޗު އަނބުރާލީ ފަހު ވަގުތުއެވެ. މި މޮޅާ އެކު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފައެވެ. ފައިނަލްގައި އާދީއްތަ ދުވަހު އެ ޓީމު ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

Advertisement

މި މުބާރާތުގައި އާޖެންޓީނާއަށް ފާޑުކިޔުން އަމާޒުވީ، ސްވިޒަލެންޑާއި މިޞްރުގެ ކޯޗުން ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔުމުންނެވެ. މިޞްރުގެ ކޯޗު ހުސާމް ހަސަން ބުނެފައި ވަނީ މެސީއާއި އާޖެންޓީނާ ކޮޅަށް ފުޓުބޯޅައިގެ އިސް ފަރާތްތަކުން ބުރަވާ ކަމަށެވެ. އަދި އާޖެންޓީނާ އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދަން ފީފާއިން ބޭނުންވާ ކަމަށް ބުނެ، އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ވެސް ދަނީ ފަތުރަމުންނެވެ.

"ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް، އަދި ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް، މިދިޔަ ހަތަރު އަހަރު އެންމެ މޮޅީ އަހަރެމެން. އަނެއްކާ ވެސް ދުނިޔޭގެ އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި އަހަރެމެން މި ހިމެނުނީ. އެއިން އެނގެނީ އަހަރެމެން ކުރި އެއްވެސް ކަމަކީ ނަސީބެއް ނޫން ކަމާއި، އެއްވެސް ކަމެއް އަހަރެމެންނަށް ހިލޭ ލިބިފައި ނުވާ ކަން،" މެސީ ބުންޏެވެ. ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ފައިނަލަށް ދިޔުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުކުރެވުނު ކަމެއް ކަމަށާއި، އިންގްލެންޑް އަތުން ބަލިވި ނަމަ ފާޑުކިޔާ މީހުން އިތުރު ވާހަކަތައް ދެއްކީސް ކަމަށް ވެސް މެސީ ބުންޏެވެ.

ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ ރެފްރީންގެ "އެހީ" ގެ ވާހަކަ އަބަދު ވެސް ދެކެވޭނެ ކަމަށާއި، ވީއޭއާރު އޮތުމުން މިހާރު އެފަދަ އެހީއެއް ލިބުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. މީގެ އިތުރުން، އިންގްލެންޑް މެޗުގައި ނަތީޖާ ހަމަހަމަކުރި ގޯލަށްފަހު އެންޒޯ ފެނާންޑޭޒް ކަންފަތުގައި އަތް އަޅައި، ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް އުފާ ފާޅުކުރި ގޮތް ވެސް ވަނީ ސަމާލުކަން ހޯދައިފައެވެ.

މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން، ފޯކްލޭންޑް ޖަޒީރާތަކަކީ އާޖެންޓީނާގެ ތަނެއް ކަމަށް ބުނާ ބެނާއަކާ އެކު ފޮޓޯ ނެގުމުން، އެ މައްސަލަ ފީފާއިން ތަޙުޤީޤުކުރުމަށް އިނގިރޭސި ސަރުކާރުން ވަނީ ގޮވާލައިފައެވެ. އެ ޖަޒީރާތަކަކީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ، ނަމަވެސް "މަލްވިނާސް" ގެ ނަމުގައި އާޖެންޓީނާއިން މިލްކުވެރިކަމަށް ދަޢުވާކުރާ ތަނެކެވެ.

Advertisement

ކޮމެންޓް