ހުޅުމާލޭގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާޅުކޮށްފި
އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި ފަސް ކުންފުންޏަކާ އެކު ހައުސިން މިނިސްޓްރީން އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫއެކެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ.
ފަސް ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މި ކަމަށް ހުޅުވާލުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ފަރާތްތަކާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. މި ފްލެޓްތައް އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ތިނެއްގައި ކަމަށާއި މަޝްރޫއު ނިންމަން ދެ އަހަރާއި ފަސް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެއްބަސްވުމުގެ ދަށުން އަޅާ ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ. ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް އަތްފޯރާ ފަށުގައި ފްލެޓް ގަނެވޭނެ ފުރުޞަތު ފަހިކޮށްދިނުމަކީ މި މަޝްރޫއުގެ ބޭނުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.