Advertisement

އަތޮޅުތެރޭގެ އިތުރު 17 ރަށަކަށް އާ އެމްބިއުލާންސް ފޮނުވަނީ

17 Jul 2026 | 11:18
އެމްބިއުލާންސް ހަވާޅު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހެލްތް މިނިސްޓްރީ

އަތޮޅުތެރޭގެ 17 ރަށެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ރޭ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.

Advertisement

އެއީ އަތޮޅުތެރޭގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދި އެމްބިއުލާންސްތަކެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން މިއީ އަތޮޅުތެރޭގެ 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޕީއެލްއާ ހަވާލުކުރި މަޝްރޫއުގެ ދަށުން ގެނައި 17 އެމްބިއުލާންސްކަން ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ގެނައި 31 އެމްބިއުލާންސްގެ ޖުމްލަ އަގަކީ 36.2 މިލިއަން ރުފިޔާއެވެ. މީގެ ފުރަތަމަ ބެޗުގައި ހިމެނޭ 14 އެމްބިއުލާންސް މި އަހަރުގެ މާޗު މަހު ރަށްރަށަށް ފޮނުވިފައިވާއިރު ރޭ ހަވާލުކުރި 17 އެމްބިއުލާންސާ އެކު މި ސަރުކާރުން މިހާތަނަށް ޖުމްލަ 87 އައު އެމްބިއުލާންސް ރަށްރަށާ ހަވާލުކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނެސް އެ ޚިދުމަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މި އަހަރު ގެނެސް އެ ރަށްތަކާ ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް