Advertisement

ސިފައިންގެ ތަމްރީން ހެދި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

16 Jul 2026 | 20:03
އަސާސީ ތަމްރީން ފުރިހަމަ ކުރި ކުދިންނަށް ބަޑި ހަވާލު ކުރަނީ -- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފްގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު  ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Advertisement

ގިރިފުށީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުޢިއްޒުއެވެ.

72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ކަމަށާއި 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ކ.ގިރިފުށީގައި ކަމަށްވެއެވެ. ދެ ބެޗުގެ ކޯސް ކުރިއަށްގެންދިޔައީ 2026 ވަނަ އަހަރުގެ މާރިޗު 7 ވަނަ ދުވަހުން ފެށިގެން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދޭ މި ކޯހުގެ އަމާޒަކީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ ސިފަވަންތަ އަޚްލާޤު ރަނގަޅު އަމުރަށް ކިޔަމަންތެރި އަދި ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމެވެ.

ރަސްމިއްޔާތު ނިމުމުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ކ.ގިރިފުށީގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުގެ ސަރަޙައްދަށެވެ. އެތަނަށް ވަޑައިގެން މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ބައްލަވާލެއްވިއެވެ. މި މަޝްރޫޢުއަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސް މުޢިއްޒު އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ތެރެއިން ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ބިންހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

Advertisement

ކޮމެންޓް