Advertisement

ބޮޑެތި ދަރަނިތައް އަދާކުރުމަށްފަހުވެސް ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ މަތީގައި

16 Jul 2026 | 12:37
އެމްއެމްއޭ --

ދައުލަތުގެ ބޮޑެތި ދަރަނިތަކެއް އަދާކޮށް ހަލާސްކުރުމަށްފަހުވެސް، މި އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 23 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 248.9 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގައެވެ. މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެއް އައި ނަމަވެސް، އަހަރުން އަހަރަށް ބަލާނަމަ މިއީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

Advertisement

ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 686.8 މިލިއަން ޑޮލަރުގައެވެ. މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރު، އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު (17.5 ޕަސެންޓް)ގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ބުނެފައިވަނީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. އޭގެ ތެރޭގައި، ބޭރު ފައިސާއަށް އޮތް ޑިމާންޑް ފުއްދައިދިނުމުގެ ގޮތުން އެމްއެމްއޭއިން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު އިތުރުކުރުން ހިމެނެއެވެ.

"މީގެ ތެރޭގައި ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ކުރީ މަހާ އަޅާބަލާއިރު 43 ޕަސެންޓު އިތުރުވުން ހިމެނެ އެވެ" އެމްއެމްއޭއިން ބުނެފައިވެއެވެ.

މި އަހަރުގެ މާޗް މަހު 1,331.8 މިލިއަން ޑޮލަރުގައި ރިޒާވް ހުރުމަށްފަހު، މިހާތަނަށް އައި ދަށްވުމުގެ އެންމެ ބޮޑު ބައެއް ގުޅެނީ ދަރަނި އަދާކުރުމާއެވެ. އޭޕްރީލް މަހު، ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ)ގެ ސުކޫކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން އެއްކޮށް ދައްކައި ހަލާސްކޮށްފައިވެއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ހަމަ އެ މަހު އަނބުރާ ދައްކާފައިވެއެވެ.

މި ދެ ދަރަނި އެއްކޮށް އަދާކުރުމާއެކު، ދައުލަތުގެ ބޮޑެތި ދަރަނިތަކެއްގެ ބުރަ ލުއިވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ މަތީގައި ހިފެހެއްޓިފައި ހުރުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

Advertisement

ކޮމެންޓް