ޖަޕާނުން ދޭ ސްކޮލާޝިޕްތައް އިތުރު ކުރުމަށް 152 މިލިއަން ޔެން ދިނުމަށް އެއްބަސްވެއްޖެ
ރާއްޖެއަށް ޖަޕާނުން ސްކޮލަޝިޕް ފުރުޞަތުތައް ދިނުން ކުރިއަށް ގެންދިއުމަށްޓަކައި 152 މިލިއަން ޖަޕަނީސް ޔެން ނުވަތަ 1,020,134 އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ދެ ޤައުމުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އޮފް ސްޓޭޓް ޝެރީނާ ޢަބްދުއްޞަމަދާއި ދިވެހިރާއްޖެއަށް ކަނޑައެޅި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި ފައިސާ ދެނީ ޖަޕަނީސް ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން ކުރިއަށް އޮތް އަހަރަށެވެ.
ޖަޕާނު ސަރުކާރުގެ ފަރާތުން ފެށިގެން ކުރިއަށްދާ ޖޭޑީއެސް ޕްރޮގްރާމަކީ 2020 ވަނަ އަހަރު ފެށިގެން ދިވެހިންނަށް ޖަޕާނުގެ ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓާސް ފެންވަރުގެ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ޢިލްމީ ފެންވަރާއި ހުނަރު ދިވެހި ޒުވާނުންނަށް ދިނުމަށްޓަކައި އިންސާނީ ވަޞީލަތް ބިނާކުރުމަށެވެ.
މިހާތަނަށް 17 ދިވެހި ދަރިވަރުން މި ޕްރޮގްރާމުން ދަސްވެނިވެފައިވާއިރު 9 ދަރިވަރުން މިހާރު ޖަޕާނުގައި ތިބެ ކިޔަވަމުން ދާކަން ފާހަގަކުރެވެއެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ފިނޭންސް މިނިސްޓްރީ ސިވިލް ސަރވިސް ކޮމިޝަން ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ އިއްޒަތްތެރިން ބައިވެރިވެފައިވެއެވެ.